ޚަބަރު

އީކޯ-ޓޫރިޒަމް މަޝްރޫޢެއް ފެށުމަށް ތައްޔާރުވެއްޖެ


  • މިއީ ހަފްތާ14 މަގުޗާޓުގައި ހިމަނާފައިވާ މަޝްރޫޢެއް

  • މިމަޝްރޫޢުން ނާޒުކު އިކޮލޮޖިކަލް ސަރަހައްދުތައް ހިމާޔަތްކުރާނެ

އީކޯ-ޓޫރިޒަމް މަޝްރޫޢެއް ފެށުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ. މިމަޝްރޫޢު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.

މިއީ ހަފްތާ14 މަގުޗާޓުގެ ދަށުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ސިނާޢަތަކަށް ހެދުމުގެ މަޤްސަދުގައި އަދި ފަތުރުވެރިކަން ސިންދަފާތުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއްކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި މަޝްރޫޢަކީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާގެ ފަންނީ އެހީތެރިކަމާއި، ޔޫއެސްއެއިޑްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ހުރި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތައް ލިބިފައިވާ ތަންތަން ލިސްޓުކޮށް އެތަންތަނަށް އަމާޒުކޮށް އީކޯ-ޓޫރިޒަމްގެ މަޝްރޫޢެއް ހިންގޭނެކަމަށެވެ. އަދި ދެމެހެއްޓެނިވި ސިޔާސަތުތަކަށް ސަމާލުކަންދީ ތިމާވެއްޓަށް އިސްކަންދޭ މިންގަނޑަކުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން މިންކުރުމަކީ މި މަޝްރޫއުގެ ދަށުން ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތެވެ. މީގެތެރޭގައި ނާޒުކު އިކޮލޮޖިކަލް ސަރަހައްދުތައް ހިމާޔަތްކުރުމާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ތިމާވެށި ހިމާޔަތްކުރުމަށް އިސްކަންދޭ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުން ހިމެނެއެވެ.

ތިމާވެއްޓާއި ރައްޓެހި އުސޫލުތަކުގެ ތެރެއިން ކަނޑައެޅިފައިވާ ވަކި އުސޫލުތަކުގެ ތެރެއިން، ފަތުރުވެރިންނަށް، ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ތަޖުރިބާކުރުމުގެ މަގު ފަހިވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އީކޯ-ޓޫރިޒަމްގެ މިމަޝްރޫއު މެދުވެރިކޮށް ބެލެހެއްޓޭ އަދި ހިމާޔަތްކުރެވޭ ސަރަހައްދުތަކަކީ އެތަންތަނުގެ މުހިންމުކަން ރައްޔިތުންނަށް ބަލައިގަނެވޭ ރައްޔިތުންނަށް އިޤްތިސާދީ މަންފާ ލިބިދޭ ތަންތަނުގެ ގޮތުގައި ހައްދަވާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.