ޚަބަރު

އަނީސާ އިސްތިއުފާ ދެއްވުމުން ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއަރޕަރސަނަކަށް ކަށިމާ ޝާކިރު


  • އަނީސާ އިސްތިއުފާ ދެއްވީ ސިއްޙީ ސަބަބުތަކަށްޓަކައި

  • އިނާމާ ބެހޭ ކޮމިޓީއަށް ބަދުރުއްނަސީރުވެސް އައްޔަން ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމަށް އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވީ، ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމުގައި ހުންނެވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު، ޞިއްޙީ ސަބަބުތަކަށްޓަކައި އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

އަނީސާ އަޙްމަދުގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި، ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ ހައިސިއްޔަތުން ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކު، ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ކޮމިޓީގެ ޗެއަރޕަރސަންގެ އިތުރުން، ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރު ކަމުގައި ހުންނެވި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، އިބްރާހީމް އިސްމާޢީލް ޢަލީ، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވާތީ އެ މަގާމަށް ވެސް ބޭފުޅަކު ވަނީ އައްޔަން ކުރައްވާފައެވެ. އިބްރާހީމް އިސްމާޢީލްގެ ބަދަލުގައި އައްޔަން ކުރެއްވީ ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މައްޗަންގޮޅި ވިލުވެލި ބަދުރުއްނަޞީރެވެ.