ޚަބަރު

ދިވެހި ފަންނުވެރިންގެ ޚާއްޞަ ޙަރަކާތެއް މިއަހަރު މެލޭޝިޔާގައި ބާއްވާނެ: ވަޒީރު


  • މީގެ ސަބަބުން ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރެވޭނެ

  • ކްރިއޭޓަރ އިކޮނޮމީ ވަރަށް ފުޅާކުރަން ރައީސް ބޭނުންފުޅުވާ ކަމަށް ވިދާޅުވި

ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި މެލޭޝިޔާގައި މިއަހަރުގެ ތެރޭގައި ޚާއްޞަ ޙަރަކާތެއް ބާއްވަވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ގުޅިގެން ބީސީސީގެ އިސްނެގުމާއެކު ބޭއްވި ކްރިއޭޓަރސް ކޮންފްލުއެންސްގެ ފަހު ސެޝަންގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، މިއީ ދިވެހި ފަންނުވެރިންނަށް ބައިނަލްއަޤްވާމީ މާކެޓުން ޖާގަ ހޯދާދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ކުރެވޭ ކަމެއް ކަމަށެވެ. ވަޒީރު ވިދާޅުވީ ފަންނުވެރިންނަށް ޚާއްޞަ އެކްސްޕޯއެއް މިއަހަރުގެ ތެރޭގައި ބޭއްވުމަށް ނިންމަވާފައިވާކަމަށެވެ. މިއީ ފަންނުވެރިންގެ ހުނަރާއި މަސައްކަތްތެރިކަން ވާދަވެރި މާހައުލެއްގައި ދައްކާލެވޭނެ އެކްސްޕޯއަކަށް ވެގެންދާނެކަން ސައީދު ފާހަގަކުރެއްވިއެވެ.

"މެލޭޝިއާގައި އަޅުގަނޑުމެން އެބަ ގަސްދުކުރަން ދިވެހި ކޮންޓެންޓް ކްރިއޭޓާރސްއަށް އެގްޒިބިޝަނެއް ބާއްވަން ޒުވާނުންނަށް. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ބޭނުންފުޅުވޭ ކްރިއޭޓަރ އިކޮނޮމީ ވަރަށް ފުޅާކުރަން." ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ފަންނުވެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުން ހިމެނެއެވެ. އެގޮތުން ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ކުރެވޭ ފައިސާގެ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ މަގު ފަހިކޮށްދިނުމާއި، ފަންނުވެރިންނަށް ޙަރަކާތްތެރި ވެވޭނެ ފަހި ވެއްޓެއް ޤާއިމް ކޮށްދެއްވުން ވެސް ހިމެނެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ކުރިއަށް ގެންދިޔަ، ކްރިއޭޓަރސް ކޮންފުލުއެންސަކީ، ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިޤުތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހިމެނުމާއި، ބީސީސީން ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ، "ކްރިއޭޓަރ ހަބް"ގައި ޤާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާއާއެކު ޤާއިމްކުރެވޭ ވަސީލަތްތަކަކަށް ހެދުމަށް، ބޭއްވި ބައްދަލުވުމެކެވެ.

ފަންނުވެރިކަމުގެ އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބޭއްވި މި ބައްދަލުވުމުގައި އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ޒުވާނުންނާއި ދާއިރާގެ ތަޖްރިބާކާރުން ބައިވެރިވެ ޚިޔާލާއި މަޝްވަރާ ދީފައިވާކަމަށް ބީސީސީން ވަނީ ބުނެފައެވެ.

ބީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ކޮންފުލުއެންސްތަކާއި ބައްދަލުވުންތައް ބާއްވައި އެކި ދާއިރާތައް ކުރިއެރުވުމުގައި އެ ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުންކަމަށެވެ.