ކުޅިވަރު

"ޕްރިމިއާ ލީގު ބައްޓަންވެފައި އޮތީ މުޅި ގައުމަށް ބޯޅަ ހުޅުވާލެވިގެންދާ އުސޫލަކަށް"


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީގެ ކުރިން އިއުލާންކުރި ގޮތަށް މި އަހަރުގެ ދިވެހި ޕްރިމިއާ ލީގު ފަރުމާކޮށްފައިވަނީ އަތޮޅުތަކުގެ ތިން ޓީމާއެކު ޖުމްލަ 12 ޓީމު ހިމެނޭ ގޮތަށް، ހޯމް އެންޑް އަވޭ އުސޫލުން ރަށްރަށުގައިވެސް ލީގު ކުޅެވޭ ގޮތަށް ކަމަށް ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ މިގޮތަށް މުބާރާތް ހުޅުވާލެވިއްޖެ ކަމަށްވާނަމަ، ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފެތުރިގެންދާނެ ކަމަށެވެ. އަދި އައު ފޯމެޓަށް ލީގު ބަދަލުކުރުމުގެ ދެ ބައްދަލުވުމަކަށް އޭނާ ހާޒިރުވި ކަމަށާއި، ޕްރިމިއާ ލީގުގެ އައު ފޯމެޓް ބައްޓަންކޮށްފައިވަނީ ކަމުދާ ގޮތަކަށް ކަމަށްވެސް ބުނެފައެވެ. ގިނަ ކުލަބުތަކަށް ޕްރިމިއާ ލީގު ދާ މިސްރާބު އޮޅިފަ އޮތަސް، އޭނާއަށް ޕްރިމިއާ ލީގުގެ ތަސައްވަރު އޮޅިފައިނުވާ ކަމަށްވެސް ނިޒާމްބެ ވަނީ ބުނެފައެވެ.

"
ގިނަ ކުލަބަތަކަށް ޕްރިމިއާ ލީގު ދަނީ ކޮންދިމާލަކަށް ކަން ނޭގުނަސް، އަޅުގަނޑުމެންނަށް ވަރަށް ރީއްޗަށް، ވަރަށް ރަނގަޅަށް ވިސްނޭ އެދަނީ ކޮންދިމާލަކަށްކަން. މުޅި ގައުމަށް ބޯޅަ ހުޅުވާލެވިގެންދާ އުސޫލަކަށްކަން"
މުޙައްމަދު ނިޒާމް (ނިޒާމްބެ) - ތަޖުރިބާކާރު ކޯޗު

ނިޒާމްބެ ވަނީ މިހާރު އަތޮޅުތެރޭގައި ހުރި ވަސީލަތްތަކާއެކު ލީގު ކުރިއަށްގެންދެވޭނެ މިސާލުވެސް ބުނެދީފައެވެ. އެގޮތުން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ޓާފް ދަނޑުތަކުގެ ބޭނުން ހިފޭނެ ގޮތްތަކެއް މުސްތަގުބަލުގެ ޕްލޭންގައި ހިމަނަންޖެހޭނެ ކަމަށް ނިޒާމްބެ ބުންޏެވެ.

މީގެ ކުރިން ގައުމީ ކުޅިވަރު ކައުންސިލުގެ މެންބަރުކަންވެސް ކުރި ނިޒާމް ބުނީ ހުނަރު އޮތީ އަތޮޅުތަކުގައި ކަމަށާއި، ހުނަރު ދެނެގަތުމުގެ ނިޒާމެއް ރަށްރަށުގައި ގާއިމުކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން ފުޓްބޯޅަ ތަރައްގީކުރުމަށް ސަރަހައްދީ މަރުކަޒުތަކެއް ގާއިމުކުރަންޖެހޭ ކަމަށާއި، މިހާރު ތިބި ހާލަތުން އެހެން ހަރުފަތަކަށް ދާން ބޭނުން ކަމުގައިވާނަމަ، ސާފް ޗެމްޕިއަންޝިޕަށް ވިސްނުމުގެ ބަދަލުގައި އެއަށްވުރެ ބޭރަށް ވިސްނަން ޖެހޭ ކަމަށްވެސް ބުންޏެވެ.

"
ސާފް ޗެމްޕިއަންޝިޕް އަޅުގަނޑުމެން ދެ ފަހަރު ހޯދައިފިން. އެއަށްވުރެ ބޭރަށް އަޅުގަނޑުމެން ވިސްނަންޖެހޭ. މި ދަންނަވަނީ އެންމެން މަތީ ހަރުފަތަށް އަރާ ވާހަކައެއް ނޫން. ދުނިޔޭގެ އެހެން ތަންތަނުގައި ހިނގާ އުސޫލުތަކަށް ބަލައި، އެ ކަންކަން އަޅުގަނޑުމެން ޖެހޭ ޕްރެކްޓިސްއަށް ލާން.
މުޙައްމަދު ނިޒާމް (ނިޒާމްބެ) - ތަޖުރިބާކާރު ކޯޗު

ނިޒާމްބެ ބުނީ ފުޓްބޯޅައިގައި ރަނގަޅުކުރަންވީ ކޮންކަމެއްތޯ، އަދި ކުރިއަށް އަޅަންވީ ކޮން ފިޔަވަޅެއްތޯ އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށާއި، މިކަމުގައި އޮތް ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އެއްވެސް ސިފައެއްގައި މަސައްކަތްކުރާ ތަން ނުފެންނަ ކަމަށެވެ. އަދި މި ވަގުތު ނެތީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ޕްލޭނެއް ކަމަށްވެސް ނިޒާމްބެ ވަނީ ބުނެފައެވެ.

މިދިޔަ ހުކުރު ދުވަހު ނިމުނު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅުނު ދެ ޓީމާއެކު، މި އަހަރު ރާއްޖޭގެ ފުޓްބޯޅައިގެ މައި ލީގު ކަމަށްވާ "ދިވެހި ޕްރިމިއާ ލީގު" ގައި 10 ޓީމު އޮންނާނެއެވެ. ލީގަށް ދިވެހި ޕްރިމިއާ ލީގުގެ ނަން ދީފައި އޮތް ނަމަވެސް، ލީގުން މި ވަގުތު ފެންނަނީ ހަމަައެކަނި މާލޭގެ ޓީމުތަކެވެ.

ޖުމްލަ 12 ޓީމާއެކު ދިވެހި ޕްރިމިއާ ލީގު ފެށުމަށް ފޯމެޓް ފަރުމާކޮށްފައިވާއިރު، އަތޮޅުތެރޭގައި ކުރިއަށްދާ ކޮލިފައިން ބުރުތައް އޮތީ ހުއްޓިފައެވެ. އެގޮތުން މިލިޔަނުން ޚަރަދުކޮށްފައިވާއިރި، ގިނަ ކުލަބުތަކަށް ވަނީ މުބާރާތުގައި ކުރިއަށްދެވޭނެ ގޮތްތައް ބަންދުވެފައެވެ.