ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ހަވާސާވެފައި ތިބި މީހުންނަށް ސަމާލުކަން ދޭނެ: ރައީސް


  • ޤައުމީ ފެންވަރުގައި ހަވާސާވެފައިތިބި މީހުންގެ ދަފްތަރު ފުރިހަމަކުރަނީ

  • ޚާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެކަމަށް ވިދާޅުވި

  • އިސްރަށްވެހިންނަށް ދޭންވާ އިސްކަން ދެއްވާނެކަމަށްވެސް ވިދާޅުވި

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ފަންތިތައް ކަނޑައަޅާއިރު މުޖުތަމަޢުގައި ހަވާސާވެފައިތިބި އެންމެންނަށް ސަމާލުކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ޤާއިމުކުރި ފުރަތަމަ އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުޖުތަމަޢުގައި ހަވާސާވެ އެހީތެރިކަން ބޭނުންވާ މީހުންގެ ރަނގަޅު ފެންވަރުގެ ދަފްތަރެއް ޤާއިމްކޮށްފައި ނެތުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީ ފޯރުކޮށްދިނުމަށްޓަކައި ދަތިތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިހާރު ޤައުމީ ފެންވަރުގައި އެ ދަފްތަރު ފުރިހަމަކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށާއި، މިއާއެކު އަޅާލުން ބޭނުންވާ ހުރިހާ އެންމެން ފަސޭހައިން އެނގޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ރައްޔިތުންނަށްވެސް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އިސްރަށްވެހިންނަށާއި މުޖުތަމަޢުގައި ހަވާސާވެފައިތިބި މީހުންނަށްވެސް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތުގެ ދަށުން މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ޝަރުތުތައް ކަނޑައެޅުމާއި ފަންތިތަކާއި ގިންތިތައް ކަނޑައެޅުމުގައި މުޖުތަމަޢުގައި ހަވާސާ ވެފައިތިބި މީހުންނަށް ދޭން ޖެހޭ ސަމާލުކަން ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަމަށް ޚާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ ގެދޮރުވެރިކަމުގެ އެކިކަހަލަ ފަންތިތައް، ގިންތިތައް ކަނޑައަޅެޅުމާ ބެހޭ ބިލެއް. މި ބިލު ފަރުމާކުރެވިގެންދާއިރު މީގައި މި އޮންނަނީ މި ދެންނެވި ގޮތަށް. އިސްރަށްވެހިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ހަމަ ގެދޮރުގެ ދަތިކަން. ޚާއްސަ ސަމާލުކަން ދެވިގެން ކުރިއަށް އޮތްތަނުގައި ގެދޮރުގެ އެކި މަޝްރޫޢުތަކުގައި މި ސަމާލުކަން ދެވިގެން އެމީހުންނަށް ފުރުޞަތު ވަރަށް ބޮޑަށް ލިބޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގެދޮރުގެ މައްސަލަ ހައްލުކޮށް މުޖުތަމަޢުގައި ގަދަރު ލިބޭ ބަޔަކަށް އިސްރަށްވެހިންނާއި ހަވާސާވެފައިތިބި މީހުންނަށް ހެދުމުން މުޅި ޤައުމަށް ހެވާ ލާބަ ލިބިގެންދާނެކަމަށެވެ. އަދި ރިޔާސީ ކެމްޕެއިންގައި ވަޢުދުވިގޮތަށް ޤައުމު ހިންގުމުގައި އިސްރަށްވެހިންނަށް ބަސްބުނުމުގެ ފުރުޞަތު ސަރުކާރުން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިސްރަށްވެހިންގެ އިތުރަށް މުޖުތަމަޢުގައި ހަވާސާވެފައިވާ އެތައްބަޔަކު ތިބިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެފަދަ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް މި ސަރުކާރުން ދެއްވާނެކަމަށެވެ. އަދި މިފަދަ ފަރާތްތަށް ޤައުމު ހިންގުމުގައި ޝާމިލްކޮށްގެން މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިސްރަށްވެހިންނާއި، މުޖުތަމަޢުގައި ހަވާސާކޮށްފައި ތިބި މީހުނަށް ސަމާލުކަން ދޭނަން. ނުކުޅެދުންތެރިކަން ހުރިކުދިންގެ މަރުކަޒުތައް މިހާތަނަށް ހުރީ މާބޮޑު ސަމާލުކަމެއް ނުދެވި. ބަޖެޓުންވެސް ޚަރަދުކުރެވެނީ ވަރަށް ކުޑައެއްޗެއް. މިކަންކަން ރަނގަޅު ކުރެވިގެން އޯގާތެރި މުޖުތަމަޢުއެއް ޤާއިމްކުރުމަކީ އަމިއްލަ ވަންތަކަމުގެ އައިޑެންޓިޓީއާއެކު ކުރިއަށް ދާން ބޭނުންވާނަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޤައުމުގެ ކުރިމަގު ބައްޓަން ކުރާއިރުގައި، އަސާސުތައް މަތިން ހަނދާން ބަހައްޓަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިސްރަށްވެހިންގެ ނާދީ ވެގެން ދާނީ ޤައުމިއްޔަތު ދިރުވުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ މަރުކަޒަކަށްކަމަށެވެ. އަދި އެ މަރުކަޒު ބޭނުން ފުރިހަމަ ގޮތުގައި ހިފާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވީއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާ އިސްރަށްވެހިންގެ މަރުކަޒުތަކާއި ދިވެހި ބަހާ ބެހެ ވުޒާރާއިން ފަށާފައިވާ މަސައްކަތްތަކާ އެކު އިސްރަށްވެހިންގެ އެއްބާރުލުމާއެކު ދިވެހިވަންތަކަން ހިފެހެއްޓުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެކަމަށެވެ.