ކުޅިވަރު

ވޮލީ އާއިލާގެ އެއްބައިވަންތަކަމަށް ރަނޭގެ ޚާއްސަ ޝުކުރެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އަސާސީ ގަވާއިދު ފާސްކުރެވިގެންދިޔައީ ވޮލީބޯޅަ އާއިލާގެ އެއްބައިވަންތަކަމާއި އޮތް އެކުވެރި ގުޅުމުގެ ސަބަބުން ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ބޭއްވި ވީއޭއެމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަވަމުން ރަނޭ ވިދާޅުވީ ކޮންގެރެސްއިން ފާސްކުރެވިގެންދިޔަ އަސާސީ ގަވާއިދަކީ އެއަށް ބަދަލުގެނެސް، ހައްލުނުހޯދި ދިގުލައިގެންދިޔަ މައްސަލައެއް ކަމަށެވެ. އެކަމަކު މުޅި ވޮލީ އާއިލާއާއެކު ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއަކީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވި، އަސާސީ ގަވާއިދު ފާސްވެގެން ދިޔުންކަމަށް ވިދާޅުވިއެވެ. ރަނޭ ވިދާޅުވީ މިހާ ފުރިހަމައަށް މިކަން ހާސިލުވެގެން ދިޔައީ ވޮލީގެ އާއިލާއިން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

"
ހަގީގަތުގައިވެސް އަޅުގަނޑުމެންގެ ކުލަބު މެންބަރުންގެ ވަރަށް ބޮޑު އިންވޯލްމަންޓަކާ އެއްކޮށް މިކަން މިކުރެވުނީ. އެންމެންގެ ޚިޔާލާ މަޝްވަރާގެ މަތިން އަޅުގަނޑުމެންނަށް މިކަން މި ކުރެވުނީ.
މުޙައްމަދު ރަނޭޝް (ރަނޭ) - ވީއޭއެމުގެ ރައީސް

އަސާސީ ގަވާއިދު ފާސްކުރެވެގެންދިޔައިރު ހިންގާ ކޮމިޓީއާ ގުޅިގެން ކުލަބުތަކަށް އެންމެ ފައިދާވާނެ ގޮތްތަކަކަށް ބައްލާވާފައިވާނެ ކަމަށް ރަނޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޝްވަރާގެ އުސޫލުން ކަންކަންކުރެއްވުމަށް ވަރަށް ގިނަ މަރުހަލާ ކަޑައްތުކުރެވިއްޖެ ކަމަށާއި، ގިނަ ވަގުތު މިކަމަށް ނެގީ އަސާސީ ގަވާއިދުގެ މާއްދާތައް ގިނަވެފައި، ގަވާއިދުތަށް ގިނަވުމުގެ ސަބަބުން އެންމެ ބޭނުންތެރި ގޮތަކަށް އެކުލަވާލަން ކަމަށެވެ.

ރަނޭ ވިދާޅުވީ މިއީ މި ވަގުތަށް އެންމެ ރަނގަޅު ޗޮއިސް ކަމަށާއި، ފާސްކުރެވުނު އަސާސީ ގަވާއިދަށް އަމަލުކުރަން ފެށުމުން އިސްލާހު ކުރެވޭނެ ކަންތައްތައް ފާހަގަވެގެންދާނެ ކަމަށެވެ. އަދި ހާލަތަށް އަންނަ ބަދަލާއެކު ގަވާއިދުތަކަކީ އަބަދުވެސް އިސްލާހުކުރަންޖެހޭ އެއްޗެއްކަން ރަނޭ ވަނީ ފާހަގަކުރައްވާފައެވެ،

ވޮލީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް މި ބޭއްވީ އެ އެސޯސިއޭޝަނުގެ އިދާރީކަންކަން ހަރުދާނާކުރުމަށް ކުލަބުތަކުން އިސްވެ ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ. ވީއޭއެމުގެ ކަންކަން މި ފަހުން ހަމަޔަކަށް އެޅެމުން އަންނައިރު، އެ އެސޯސިއޭޝަނުގެ ރައީސް ރަނޭޝްގެ ސްޕެޝަލް އެޑްވައިޒަރަކަށް ކުރީގެ ރައީސް މުޙައްމަދު ލަތީފް ދާދި ފަހުން ވަނީ އައްޔަންކުރައްވާފައެވެ. އަދި ވީއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މުޙައްމަދު ސައީދުވެސް ވަނީ އައްޔަންކުރައްވާފައެވެ.