ކުޅިވަރު

ސްކޫލް އެތުލެޓިކްސް މުބާރާތް: މޮޅު ސްކޫލުގެ މަގާމު އައްޑޫ ހައި ސްކޫލާއި އެމްޖޭއެސްއަށް


އައްޑޫ ސިޓީގައި ކުރިއަށްދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ސްކޫލުގެ މަގާމު އައްޑޫ ހައި ސްކޫލާއި ފުވައްމުލަކުގެ މުޙައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ހޯދައިފިއެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ 31 ސްކޫލަކުން ވަނީ ވާދަކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު ސްކޫލުތަކުގެ ތެރެއިން އައްޑޫ ހައި ސްކޫލުން ވަނީ 20 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ އެއްވަނަ ހޯދާފައެވެ. އަދި އެމްޖޭއެސް ވަނީ 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިން އެއްވަނަ ހޯދާފައެވެ.

މުބާރާތުގެ 17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު ސްކޫލަކަށް ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހޮވުނުއިރު، މި އުމުރުފުރާގެ އެންމެ މޮޅު އަންހެން ސްކޫލަކަށް ހޮވުނީ ޝަރަފުއްދީން ސްކޫލެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން ބައިން އެންމެ މޮޅު ސްކޫލަކަށް މަރަދޫ ސްކޫލް ހޮވުނުއިރު، އެ އުމުރުފުރާގެ އެންމެ މޮޅު އަންހެން ސްކޫލަކަށް ހޮވުނީ ހާފިޒު އަޙްމަދު ސްކޫލެވެ.

މުޅި މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓަކީ ވިލާ އިންޓަރނޭޝަން ހައި ސްކޫލްގެ ހުސެއިން ޒީކް ސުއާދެވެ. އޭނާ ވަނީ އެ އުމުރުފުރާގައި ވާދަކޮށް ފިރިހެން 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން އެއްވަނަ ހޯދާފައެވެ. އަދި 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން މީޓް ރިކޯޑު ވަނީ ގާއިމުކޮށްފައެވެ.

މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ އައްޑޫ ހައި ސްކޫލްގެ ހައްވާ މުޒްނާ ފާއިޒެވެ. އޭނާ ވަނީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން އެއްވަނަ ހޯދުމުގެ އިތުރުން 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން މީޓް ރިކޯޑް ގާއިމުކޮށްފައެވެ.

މުބާރާތުގައި އައްޑޫ ސިޓީގެ ސްކޫލުތަކުން 500 އަށްވުރެ ގިނަ އެތުލީޓުން ވާދަކޮށްފައިވާއިރު، ރާއްޖޭގެ އެހެން ސްކޫލުތަކުން ވަނީ 383 އެތުލީޓުން ވާދަކޮށްފައެވެ.