ޚަބަރު

ކައުންސިލްތަކަށް ފަޅުރަށްތައް ހޯދައިދިނުމާއި ގުޅޭގޮތުން ހާއްސަ މަސައްކަތްތަކެއް ފަށައިފި


  • ފަޅު ރަށްތައް ހޯދަައިދޭނެގޮތުގެ އޮރިއެންޓޭޝަނެއް ކައުންސިލްތަކަށް ވަނީ ފަށާފައި

ކައުންސިލްތަކުގެ އިހްތިސާސްއިން ބޭރުގައިވާ ފަޅު ރަށްތައް ކައުންސިލްތަކަށް ހޯދައިދިނުމާއި ގުޅޭގޮތުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އިހްތިސާސްއިން ބޭރުގައިވާ ފަޅު ރަށްތައް ހޯދައިދޭނެގޮތުގެ އޮރިއެންޓޭޝަނެއް ކައުންސިލްތަކަށް ފަށާފައިވާކަމަށެވެ. އަދި އުންމީދަކީ ހުރިހާ ކައުންސިލްތަކުންވެސް މި ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފައި، ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާގޮތަށް އެ މަސައްކަތް ކުރެއްވުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއެކު ރައީސް މުއިއްޒުގެ ޒައާމަތާއެކު ކައުންސިލުތަކުގެ ކުރިމަގު ފެންނަނީ އުޖާލާކޮށްކަމަށެވެ.

މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިޤްތިސާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްތައް ދޫކުރުމާ ބެހޭ ޤަވައިދުގެ ދަށުން ކައުންސިލްތަކަށް ދޫކުރާ ރަށްތަކުގެ ލިސްޓެއް ވަނީ ގެޒެޓްކޮށްފައެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މި ލިސްޓުގައި 25 ރަށެއް ވަނީ ހިމަނުއްވާފައެވެ.

ސަރުކާރުން ވަނީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ވަކި ހާއްސަ ވުޒާރާއެއްވެސް އުފައްދަވާފައެވެ. އަދި ކައުންސިލްތަކުން އަމިއްލަ ފައިމައްޗަށް ތެދުވެ ބާރުވެރިވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުމަށާއި، އެކަމުގައި ސަރުކާރުގެ ފަރާތުން ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.