ޚަބަރު

ސްކައުޓް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ފަހި މާހައުލެއް ޤާއިމްކޮށްދޭނަން: ނައިބު ރައީސް


  • ސްރީލަންކާގެ 10 ވަނަ ޤައުމީ ސްކައުޓް ޖަންބަރީގައި ރާއްޖެއިން ބައިވެރިވާނެ

  • މި ޖަންބަރީގައި ރާއްޖެއިން 242 ސްކައުޓުން ބައިވެރިވޭ

  • ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި

ސްކައުޓް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ސްކޫލްތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް ސަރުކާރުން އިތުރަށް މަސައްކަތްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާދު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާގެ 10 ވަނަ ޤައުމީ ސްކައުޓް ޖަންބަރީގައި ބައިވެރިވާ ދިވެހި ސްކައުންޓުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސްރީލަންކާގައި ބާއްވާ 10 ވަނަ ޤައުމީ ސްކައުޓް ޖަންބަރީގައި ރާއްޖޭގެ ފަރާތުން 242 ސްކައުޓުން ބައިވެރިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާދު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، ރާއްޖޭގެ ސްކައުޓް ހަރަކާތަށް 60 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ރާއްޖެފަދަ ވަށައިގެން މާކަނޑުއޮތް ތިމާވެށީގެ ނާޒުކު ޤައުމެއްގައި ސްކައުޓުން އަގުހުރި ޤައުމީ ހިދުމަތްތަކެއް ކޮށްދީފައިވާކަމަށެވެ. އަދި ޤައުމަށް ދިމާވާ އެންމެ ދަތި އުނދަގޫ ހާލަތުގައިވެސް އެންމެ ހަރަކާތްތެރި އެންމެ މަދަދުވެރި ބައެއްގެ ގޮތުގައި ފެނިގެންދަނީ ފަހުރުވެރި ދިވެހި ސްކައުޓުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަންބަރީއަށް ލަންކާއަށް ޖަމާވާ އެކި ޤައުމުތަކުގެ ތެރޭގައި އެންމެ ބޮޑު ޖަމާއަތަކީ ދިވެހި ސްކައުޓުންކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ޖަންބަރީގައި ދިވެހި ސްކައުޓުން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަކީ އެންމެހައި ދިވެހިންގެވެސް އުންމީދުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބޭރުގައުމެއްގައި ދިވެހިރާއްޖެ ތަމްސީލްކުރުމަކީ ކޮންމެ ދިވެއްސަކަށް ލިބޭނެފަދަ ޝަރަފެއް ނޫން. ވީމާ ތިޔަ ތަމްސީލްގައި ރާއްޖޭގެ އަގު ފިހެއްޓުމަކީ ނުހަނު މުހިންމުކަމެއް. އަޅުގަނޑުގެ ނަސޭހަތަކީ ތިޔަ އެންމެހައި ސްކައުޓުން ރިވެތި އަހުލާގާއި ސްލޫކުން ނަމޫނާ ދެއްކުން. އެކުވެރިކަމާއި ބަދަހިކަންމަތީ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުން. ނަމާދަށް ފަރުވާތެރިވުމާއި، ވަގުތައް ކަމޭހިތުމާއި، އިސްވެރިންނަށް އިހްތިރާމްކުރާ ބައެއް ކަމުގައިވުން. ފެއްސާއި، ރަތާއި ހުދުގެ މި ޤައުމު ފަހުރުވެރިވާ ފަދަ ނަމެއް ދިވެހި ޤައުމަށް ހޯދާދިނުން." ނައިބު ރައީސް ވިދާޅުވިއެވެ.

މި ޖަންބަރީގައި ދިވެހި ޝްކައުޓުން ބައިވެރިވަނީ "ލީޑަރޝިޕް ފޯރ ޖޭންޗް" މި ޝިއާރުގެ ދަށުންނެވެ.

މި ޖަންބަރީގައި ދުނިޔޭގެ އެކި ޤައުމުތަކުން 15000 އަށްވުރެ ގިނަ ސްކައުޓުން ބައިވެރިވެއެވެ. މި ޖަންބަރީ ކުރިއަށްދާނީ ސްރީލަންކާގެ ޓްރިންކޮމަލީގައެވެ. ދިވެހި ސްކައުޓުން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.