ޚަބަރު

މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށައިފި


  • ޕްރޮގްރާމުގެ ތެރެއިން ގިނަ ދުވަސްވީ ވެހިކަލްތައް ނައްތާލާނެ

  • އަމިއްލައަށް އެދިގެންވެސް ވެހިކަލްތައް ނައްތާލެވޭނެ

  • ފުލުހުން ވަނީ ރޯދައަށް މަގުތަކުން ގިނަ ދުވަސްވީ ވެހިކަލްތައް ނެގުމަށް ނިންމާފައި

މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށައިފިއެވެ.

އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ.

މި ޕްރޮގްރާމް ފެށުމަށްޓަކައި މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.

ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަކީ ގިނަ ދުވަސްވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މި ޕްރޮގްރާމާއެކު ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ލުޔެއް ލިބިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

" އުސޫލުތަކެއް ނެތި ރައްޔިތުންނަށް އުނދަގޫވާގޮތަށް ވެހިކަލްތައް ޕާކްކޮށްފައި މި ހުންނަނީ، މިއަދު މި ފެށޭ ޕްރޮގްރާމުގެ ދަށުން ކޮންމެވެސް ވަރެއްގެ ލުޔެއް އިހުސާސް ކުރެވޭނެ ކަމަށް ލަފާކުރެވޭ،" އަމީން ވިދާޅުވިއެވެ.

މި ރަސްމިއްުޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ވެހިކަލް މަގުތަކުގައި ޕާކްކޮށްފައި ހުންނަކަން ފާހަގަކޮށްފައެވެ. އަދި މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި ވެހިކަލްތަކާއި މެދު އަމަލުކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

" އުޅަނދުތައް ނެގުމަށް ވަގުތުކޮޅެއް ދީ، ވެރި ފަރާތްތަކުގެ އެއްބާރުލުމާއި އެކު އެކަން ކުރުން، ރައްޔިތުންގެ ކިބައިންވެސް އެދެން، ގިނަ ބަޔަކު އުޅަނދުތައް ނެގުމަށް، ދެން އަޅާ ފިޔަވަޅުން، ރައްޔިތުންނަށް ދަތިވާކަށް ނޭދެން،" ޝުޖާޢު ވިދާޅުވިއެވެ.

މާލެ މަގުތަކުން ވެހިކަލްތައް މަދުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަން ފާހަގަކުރައްވަމުން މާލެ ސިޓީ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނު ތަންފީޒުކުރުމަށް ބާރު އަޅާނެކަމަށެވެ.

" ބައެއް ގޭގެއަށް އެބަހުރި 200 ކާރު، އެއްހާސް އަކަފޫޓުގެ ގެއަކަށް، މީ ދައްކަން ޖެހޭ ވާހަކަ، މި ވާހަކަދައްކައިގެން ރައްޔިތުންނަށް އެބަ އެނގެން ޖެހޭ މިކަން ކުރާގޮތް،" އާޒިމް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބައެއްގެގޮތުގައި މާލޭގެ އެކި ހިސާބުތަކުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މި ރަސްމިއްޔާތުގައި ވަނީ ގިނަ ދުވަސްވެފައިވާ ބައެއް ވެހިކަލްތައް ނައްތާލުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ. ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މާރޗް 3 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. އަދި އެ މުއްދަތުގައި ލިބޭ އެޕްލިކޭޝަންތަކާއި ގުޅިގެން ވެރިފަރާތްތަކާއި ގުޅައި އެ ފަރާތުން ފޯރުކޮށްދޭ މައުލޫމާތު ސައްހަކަން ކަށަވަރު ކުރާނެކަމަށާއި އަދި މައުލޫމާތު ސާފުކުރުމަށްފަހު ވެހިކަލް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެ ވުޒާރާގެ ނަންބަރ 1511 އަށް ގުޅައިގެން ލިބޭނެކަމަށްވެސް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.