ޚަބަރު

ފީއައްޔަށް ވި ވަޢުދުތައް ބަޖެޓް ހަމަޖެހޭވަރަކުން ތާވަލު ކުރެވިގެން ކުރިއަށްގެންދާނަން: ރައީސް


  • ފީއަލީ ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ވަނީ އެދިވަޑައިގެންފައި

  • މިހާރު ގިރާފައިވާ ސަރަހައްދު ރަނގަޅުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި

ފ. ފީއައްޔަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ބަޖެޓް ހަމަޖެހޭވަރަކުން ތާވަލުކުރައްވައިގެން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ފ.ފިއަލީ ހަނދުވަރީ މަންޒިލް، އިބްރާހިމް ޝަނޫން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޝަނޫން ވަނީ ރަށުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސާ ސުވާލުކޮށްފައެވެ.

އިބްރާހިމް ޝަނޫން ވަނީ ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބާ ދިމާކޮށް ފީއަލީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްފަހު އެ މަސައްކަތް މިހާރު މަޑުޖެހިފައި އޮތުމުގެ ސަބަބުން އެތަނުން ބައެއް ގިރައިގެން ގޮސްފައިވާކަމުގެ ކަންބޮޑުވުން ރައީސާ ހިއްސާކޮށްފައެވެ. އަދި ރައީސް ޑރ. މުޢިއްޒު އެ ރަށަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރެއިން މަގު ހެދުމާއި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމާ ގުޅޭގޮތުން ވެސް އޭނާ ސުވާލުކުރިއެވެ.

މިސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފީއަލީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން މިހާރު ކުރިއަށްގެންދަނީ ހިއްކާފައި އޮތް ސަރަހައްދުގެ ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ބޮޑުހިލަ ގެންދިއުމުގެ މަސައްކަތް ކަމަށެވެ. އަދި ވީހާވެސް އަވަހަށް އެ މަސައްކަތް ނިންމުމަށް އެދިވަޑައިގެންފައިވާނެ ކަމަށާއި ރިވެޓްމަންޓް ޖަހައި ނިމޭއިރު މިހާރު ގިރާފައިވާ ސަރަހައްދުވެސް ރަނގަޅުކޮށް މުޅި މަޝްރޫއު ފުރިހަމަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ވެސް ފުއްދަވާނެ ކަމަށެވެ. އެކަންކަން ބަޖެޓް ހަމަޖެހޭވަރަކުން ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ވި ވަޢުދުތަކާ އެއްގޮތަށް އިރާދަކުރެއްވިއްޔާ ފުއްދައިދެމުން ދާނަން. އެގޮތުން، މަގުހެދުމަކީ އަޅުގަނޑު ވެފައިވާ އެންމެ ބޮޑު އެއް ވައުދު ރަށްރަށުގައި. މައި މަގުތައް ހަދައިދޭނެ ކަމަށް ރަނގަޅު ފެންވަރަކަށް، ގިނަ ރަށްތަކުގައި. އަދި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް އިރާދަކުރެއްވިއްޔާ ފީއަލީގައި ވެސް މަގުހެދުން ކުރިއަށްދާނެ. ތާވަލު ކުރެވިގެން ބަޖެޓް ހަމަޖެހޭ ވަރަކުން އަޅުގަނޑުމެން ކުރިއަށްގެންދާނަން މިމަސައްކަތްތައް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބަނދަރު ބޮޑުކުރުމަކީ ވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅެއް ކަމަށާއި އެކަން ވެސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމަކީ އާންމުން ރައީސާ ކުރަން ބޭނުންވާ ސުވާލުތަކަށް އެމަނިކުފާނު އަމިއްލަފުޅަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި
ރާއްޖެއާއި ވަކިވަކި ރަށްތަކާ ގުޅޭ ސުވާލުތަކަށްވެސް އެމަނިކުފާނު ޖަވާބު ދެއްވައެވެ.