ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޖަރުމަނަށް ވަޑައިގެންފި


  • މިއީ މިއުނިކްގައި ކުރިއަށްދާ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް

  • އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާނެ

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުވިލާތަށް ވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި ޒަމީރު ޖަރުމަނުގެ މިއުނިކަށް ވަޑައިގެންނެވީ ބުރާސްފަތިދުވަހުއެވެ. މި ދަތުރުފުޅަކީ 60ވަނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް މިކޮންފަރެންސްގައި އެކި ޤައުމުތަކުގެ ލީޑަރުންނާއި ސީނިއަރ އޮފިސަރުންނާއެކު ޒަމީރު ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޕެނަލްގެ މައުޟޫއަކީ "ފްރޮމް ޕޮކެޓް ޓު ޕްލެނެޓް: ސްކޭލިންގ އަޕް ކްލައިމެޓް ފައިނޭންސް" އެވެ.

މިކޮންފަރެންސްގެ ހަވާސާގެ ތެރެއިން އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ އިތުރުން އެހެނިހެން އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސަކީ ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސް އޮފިޝަލުންގެ އިތުރުން އެކި ދާއިރާތަކުގެ މާހިރުން ބައިވެރިވާގޮތަށް އަހަރަކު އެއްފަހަރު ބާއްވާ ކޮންފަރެންސެކެވެ.