ޚަބަރު

5 އަހަރު ތެރޭގައި 2000 ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް


ކުރިއަށް އޮތް ފަސް އަހަރު ދުވަސްތެރޭ ދެހާހަށްވުރެ ގިނަ މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީން ކުރެއްވުމުގެ އެއްބަސްވުމެއްގައި އެޑިޔުކޭޝަން މިނިސްޓްރީން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއެކު ސޮއިކުރައްވައިފިއެވެ.

ތޭވީސް މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ ދެހާހަށްވުރެ ގިނަ މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީނުކުރެއްވުމުގެ ޕްރޮގުރާމުގައި މުދައްރިސުންނަށް ތަފާތު ސައުވީސް ކޯހަކުން ފުރުސަތު ހުޅުވާލާފައިވެއެވެ. މި ކޯސްތަކުގައި ކިޔަވާ މުދައްރިސުންނަށް އަހަރަކު ދައްކަންޖެހެނީ ފަސްހާސް ސާޅީސް ރުފިޔާގެ ފީއެކެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒު ވިދާޅުވީ، މި ކޯސްތައް މިއަހަރުގެ ޖޫން މަހު ފައްޓަވާނެކަމަށެވެ. އަދި ކޯސްތައް ހިންގާއިރު ސްކޫލުތަކަށާއި މުދައްރިސުންނަށް ފަސޭހަވާނެ ގޮތްތައް ބައްލަވާކަމަށްވެސް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީޢު ވިދާޅުވީ، މި ޕްރޮގްރާމު ހިންގުމުގައި އަތޮޅުތެރޭގެ ސްކޫލުތަކަށް ބޭނުންވާ ދާއިރާތައް ބެލިފައިވާކަމަށެވެ. އަދި ބިދޭސީ ޓީޗަރުން މަދުކުރުމަކީވެސް މި ޕްރޮގްރާމުގެ މަޤްސަދެއްކަން ޝަފީޢު ފާހަގަކުރެއްވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެހާސް ސާދަވަނަ އަހަރުވަނީ ތައުލީމީ ދާއިރާގެ ހިދުމަތުގައި ދެމިތިބި ކޮންމެ މުދައްރިސަކީ ޑިޕޮލޮމާ ފެންވަރުގެ މުދައްރިސަކަށް ހެއްދެއްވުމުގެ ޕްރޮގްރާމެއް ހިންގަވާފައެވެ. އެ ޕްރޮގްރާމްގައިވެސް ޤައުމީ ޔުނިވަރސިޓީން މުހިންމު ދައުރެއް އަދާކުރިކަން އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ. 

ރާއްޖޭގެ ސްކޫލުތަކުގައި ދާއިމީ ވަޒީފާތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ޑިގްރީ ސަނަދަށްވުރެ ދަށުގައި ތިބީ ދެހާސް އަށްސަތޭކަ ސާދަ މުދައްރިސުންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.