ޚަބަރު

މަސައްކަތް ހަލުވިކުރުމަށް މާލޭ ވިޔަފާރި ބަނދަރަށް އިތުރު ވެހިކަލްތަކެއް


  • އިތުރުކޮށްފައިވަނީ 5 ފޯކްލިފްޓް

  • މިއީ ރަމަޟާން މަހަށް ތައްޔާރުވުމަށް ގެނައި ވެހިކަލްތަކެއް

  • މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާކުރާނެ

މި އަހަރުގެ ރަމަޟާން މަހު މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން 5 ފޯކްލިފްޓް އެ ކުންފުނީގެ އޮޕަރޭޝަންސްއަށް އިތުރުކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދު އިތުރުވާ ދުވަސްވަރެކެވެ. ވަކިން ޚާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެއެވެ.

އެހެންކަމުން، ކޮންމެ އަހަރަކުވެސް އެމްޕީއެލްއިން ރަމަޟާން މަހަށް ދުރާލާ ތައްޔާރުވެއެވެ. ކާބޯތަކެތީގެ ބާވަތްތައް އަވަހަށް ކްލިއަރކޮށް، ވިޔަފާރީވެރިންނަށް ވީހާވެސް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމަށް ކޮންމެ ރަމަޟާން މަހަކުވެސް އެމްޕީއެލްގެ އޮޕަރޭޝަންސްތަކަށް ބަދަލުތަކެއް ގެނެއެވެ.

މި އަހަރުގެ ރަމަޟާން މަހު މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އެމް.ޕީ.އެލްއިން މިހާރު ވަނީ 5 ފޯކް ލިފްޓް އެ ކުންފުނީގެ އޮޕަރޭޝަންސްއަށް އިތުރުކޮށްފައެވެ. އޮޕަރެޝަނަށް އިތުރުކޮށްފައިވަނީ "ހެލި" ބްރޭންޑްގެ 3.5 ޓަނުގެ 5 ފޯކް ލިފްޓުކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.

މި އަހަރުގެ ރަމަޟާން މަހު މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާކުރުމަށް އިތުރު މަސައްކަތައްވެސް ކުރަމުންދާކަމަށް އެކުންފުނިން ހާމަކުރެއެވެ.