ޚަބަރު

ލާމަސީލު ކާފަގެ މަޤާމު ހާސިލުކުރެއްވި ސަޢީދު ނިޔާވެއްޖެ


  • ނިޔާވިއިރު އުމުރުފުޅަކީ 80 އަހަރު

  • 2006 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ޢިނާމް ލިބިވަޑަިއގެންނެވި

ޓެލެވިޜަން މޯލްޑިވްސްއިން ހޮވި ލާމަސީލު ކާފަގެ މަޤާމް ހާސިލްކުރެއްވި ހ.ރީތިގަސްދޮށުގެ, ސަޢީދު ޙުސައިން ނިޔާވެއްޖެއެވެ.

ސަޢީދު ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ނިޔާވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ. ސައީދަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުޙައްމަދު ޝަހީބުގެ ބައްޕާފުޅެވެ.

ސަޢީދު ވަނީ 2007 ވަނަ އަހަރު ޓީވީއެމްއިން ގެނެސްދިން ލާމަސީލު މާމަ، ކާފަ ޕްރޮގްރާމުން ލާމަސީލު ކާފަގެ މަޤާމު ހާސިލު ކުރައްވާފައެވެ. ސަޢީދު އެ މަޤާމު ހާސިލު ކުރެއްވީ ބެލުންތެރިން ފޮނުވި 18،316 މެސެޖާއެކު 26،584 ޕޮއިންޓް ހޯއްދަވައިގެންނެވެ.

ސަޢީދަކީ 2006 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ އިނާމް ހާސިލްކުރެއްވީ ފެހުމުގެ މަސައްކަތުގެ ދާއިރާއިންނެވެ. އިނާމް ލިބިވަޑައިގެންނެވިއިރު އެ މަސައްކަތް ކުރާތާ 37 އަހަރު ވަނީވެފައެވެ.

ފެހުމުގެ މަސައްކަތް ގިނަބަޔަކަށް ދަސްކޮށްދެއްވައި، އިތުރު މީހުންނަށް ވަޒީފާ ދެއްވައިގެންވެސް މަސައްކަތް ކުރައްވާފައިވެއެވެ. އަދި ބައެއް ރިސޯޓްތަކުގައި އަމިއްލަ ގެސްޓް ޝޮޕްތައް ހިންގަވައި، ޓޫރިސްޓުންނަށް ބޭނުންވާ ބައެއްކަހަލަ ހެދުންތައް ފައްސަވައި، އެ ފިހާރަތަކަށް ފޮނުއްވެވިއެވެ.

ސަޢީދު އެންމެ ފުޅާ ދާއިރާއެއްގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ކަނޑުމަތީ އުޅަނދުފަހަރުގެ ލައިފްޖެކެޓް ފެއްސެވުމުގެ މަސައްކަތް ހިމެނެއެވެ. އަދި ސަރުކާރުން ޤަބޫލުކުރައްވާ މިންގަނޑަށް ސަޢީދު މި މަސައްކަތް ކުރައްވާފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ގެންނަ ލައިފްޖެކެޓަށްވުރެ، ސަޢީދު ފައްސަވާ "ރީތި ލައިފްޖެކެޓް" އަގުހެޔޮވުމުގެ ސަބަބުން، އެތަކެތި ގަންނަ ފަރާތްތަކުގެ މަޤްބޫލުކަން ލިބިފައިވެއެވެ.

ފެހުމުގެ މަސައްކަތުގައި ސަޢީދަށް ލިބިވަޑައިގެންފައިވާ ހުނަރެއްގެ ސަބަބުން، މިންނެގުމެއްނެތި، މީހާ ބަލައިލުމަށްފަހު އެމީހަކަށް ހެޔޮވަރަށް، ގަމީސް ފެއްސެވިއެވެ.