ކުޅިވަރު

ރާއްޖޭގެ ތިން ފެތުންތެރިއަކު ގައުމީ ރިކޯޑުތަކެއް އައުކޮށްފި


ބައިނަލްއަގުވާމީ ފެތުމުގެ ދެ މުބާރާތެއްގައި ވާދަކޮށް ރާއްޖޭގެ މުބާލް އައްޒާމް އިބްރާހީމާއި، މުޙައްމަދު ރިހާން ޝިހާމް އަދި ހަނާން ހުސެއިން ހަލީމް ގައުމީ ރިކޯޑުތަކެއް އައުކޮށްފިއެވެ.

މުބާލް އައުކޮށްފައިވަނީ ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑާއި ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑެވެ.

ގަތަރުގެ ދޯހާގައި ކުރިއަށްދާ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މުބާލް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު އައުކޮށްފައިވަނީ 00:33.24 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު އެންމެ ފަހުންވެސް ހަދާފައިވަނީ މުބާލެވެ. އެއީ މިދިޔަ އަހަރު ބޭއްވި 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) ގައި 00:34.00 އިން ފަތައިގެންނެވެ.

ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު މުބާލް އައުކޮށްފައިވަނީ 01:14.58 އިން ރޭސް ނިންމައިގެންނެވެ. މި ރިކޯޑުވެސް އެންމެ ފަހުން އައުކޮށްފައިވަނީ މުބާލެވެ. އެއީ މިދިޔަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި 01:14.73 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ރިހާންވެސް ވަނީ ދެ ރިކޯޑެއް ހަދާފައެވެ. އެއީ ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑާއި ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑެވެ.

ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ރިހާން އައުކޮށްފައިވަނީ 02:06.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު އެންމެ ފަހުން ހަދާފައިވަނީ މުބާލެވެ. އެއީ މިދިޔަ އަހަރުގެ އައިއޯއައިޖީގައި މި އިވެންޓް 02:08.22 އިން ނިންމައިގެންނެވެ.

ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ރިހާން އައުކޮށްފައިވަނީ 04:31.96 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި ރިކޯޑުވެސް އެންމެ ފަހުން ހަދާފައިވަނީ މުބާލެވެ. އެއީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 04:48.44 އިން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން ތައިލެންޑުގެ ޕުކެޓުގައި ކުރިއަށްދިޔަ ދަ ފެޑަރޭޝަން އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސް އިން އޭޝިއާ (ފޮބިސިއާ) ސްވިމިން އިންވިޓޭޝަނަލް 2024 ފެތުމުގެ މުބާރާތުގައި ވާދަކޮށް ލޯންގްކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު ހަނާން އައުކޮށްފައިވަނީ 00:32.00 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު އެންމެ ފަހުންވެސް ހަދާފައިވަނީ ހަނާނެވެ. އެއީ މިދިޔަ އަހަރު ބޭއްވި އައިއޯއައިޖީގައި 00:32.15 އިން ރޭސް ފުރިހަމަކޮށްގެންނެވެ.