ޚަބަރު

ސަރުކާރުގެ އަމާޒަކީ އިޤްތިޞާދު ކުރިއެރުވުމުގައި ޓެކްނޮލޮޖީގެ ބޭނުން އިތުރުކުރުން: ރައީސް


ސަރުކާރުގެ އަމާޒަކީ އަރޓިފިޝަލް އިންޓެލިޖެންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، އިޤްތިޞާދު ފުޅާކޮށް، ކުރިއަރުވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޔޫއޭއީގައި ކުރިއަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ތަޤުރީރުކުރައްވަމުންނެވެ.

ވަރލްޑް ގަވަރމަންޓްސް ސަމިޓްގައި ތަޤުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރުގައި އައު ގޮތްތަކާއި އީޖާދުތައް މުހިއްމު ދައުރެއް އަދާކުރާނެކަމަށެވެ. އެގޮތުން ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރބަން ސެންޓަރުތަކެއް ޤާއިމްކުރަން ނިންމާފައިވާކަން ފާހަގަކުރައްމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ އަރބަން ސެންޓަރުތަކަކީ ޓެކްނޮލޮޖީއާއި އައު އީޖާދުތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރަށްޓެހިގޮތަކަށް ހިންގާ ސެންޓަރުތަކެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަދުގެ ދުނިޔޭގައި އަރޓިފިޝަލް އިންޓެލިޖެންސަކީ އުފެއްދުންތެރިކަން އިތުރުކަން ވަރަށް މުހިއްމު ދައުރެއް އަދާކުރާ ޓެކްނޮލޮޖީއެއްކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަރޓިފިޝަލް އިންޓެލިޖެންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، އިޤްތިޞާދު ފުޅާކޮށް، އިންވެސްޓަރުންނަށް ފަހު މާހައުލެއް ޤާއިމްކުރުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީކުރުމަށް އީކޯ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ރަސްމާލެއަކީ ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢުއެއްކަންވެސް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ވަރލްޑް ގަވަރމަންޓްސް ސަމިޓްގެ ތީމަކީ "ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް"އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ދާއިރާތަކަށް ޚާއްސަ ލީޑަރުން ބައިވެރިވެ މުސްތަޤްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ.