ޚަބަރު

ފަތުރުވެރިކަމާއި މަސްވެރިކަމަށް ކަނޑައަޅާފައިވާ އަމާޒުތަކާއެކު އިޤްތިޞާދު އިތުރަށް ފުޅާކުރެވޭނެ: ރައީސް


ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކާއެކު އިޤްތިޞާދު އިތުރަށް ފުޅާކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙާއްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގައި ކުރިޔަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.

އިންވެސްޓް މޯލްޑިވްސް ފޯރަމް ހުޅުއްވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިއްމު ސިނާއަތްކަމަށްވާ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ރާވާފައިވާކަމަށެވެ. އެގޮތުން ކުޅިވަރާއި ތަޢުލީމާއި ސިއްޙީ އަދި ސަޤާފީ ދާއިރާއިން ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަހަރު ނިމޭއިރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފާފައިވާކަމަށާއި ޔޫއޭއީއާއި މެދުއިރުމަތީގެ އެހެން ޤައުމުތަކާއި ރާއްޖެއާ އޮތް ވަރުގަދަ ވައިގެ ދަތުރުފަތުރުގެ ގުޅުމަކީ އެ އަމާޒު ޙާސިލުކުރަމަށް އެހީތެރިވެދޭނެ ކަމެއްކަމަށެވެ.

ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމާއި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމާއި މާލީ ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ތަރައްޤީކުރުމަކީވެސް އިޤްތިޞާދީ ކުރިއެރުމަށް ސަރުކާރުން ރާވާފައިވާ މަސައްކަތްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރިއާއި ލޮޖިސްޓިކްސް ދާއިރާއަށް އިތުރަށް އިންވެސްޓްކޮށް ރާއްޖެ ހިމެނޭ ސްޓްރެޓީޖިކް ސަރަހައްދުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ ދެމެހެއްޓެނެވި އުސޫލުތަކެއްގެ ތެރެއިން މަސްވެރިކަން ކުރަމުން އަންނަ ޤައުމެއްކަމަށެވެ. އަދި މަސް ރައްކާކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކޯލްޑް ސްޓޮރޭޖްތައް ބެހެއްޓުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެ ކަމުގެ ސަބަބުން މަސް ކިރުވާ ޢަދަދު ދެގުނަ އިތުރުވެ، އެ ސިނާއަތްވެސް އިތުރަށް ފުޅާވެގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލީ ޚިދުމަތުގެ ދާއިރާ ފުޅާކުރުމަކީވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އަދި އެ ކަމަށްޓަކައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އުފައްދަވާފައިވާކަމަށާއި އެ އޮތޯތިޓީގެ ބޭނުމަކީ އޮފްޝޯރ އަދި އޮންޝޯރ މާލީ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ތަރައްޤީކުރުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު އުފެއްދުމުގެ އިތުރުން ފްރީ ޒޯންތައް ތަރައްޤީކޮށް ހިންގުމުގައި ޔޫއޭއީގެ ތަޖުރިބާއިން ފިލާވަޅުތަކެއް ދަސްކުރުމުގެ ޝައުޤުވެރިކަން އެބައޮތްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކި ދާއިރާތަކުން މި ހުރިހާ އަމާޒުތަކެއް ކަނޑައަޅުއްވައިގެން މަސައްކަތްކުރުމުގެ މަޤްސަދަކީ ރާއްޖޭގެ އިޤްތިސާދު މިހާރަށްވުރެ ސިންދަފާތުކޮށް، އިޤްތިސާދުގެ ފައިދާ ހުރިހާ ރައްޔިތުންނަށްވެސް ލިއްބައިދިނުންކަމަށެވެ.