ޚަބަރު

"މިއީ އިޤްތިޞާދު ރަނގަޅުކުރުމަށް ދުނިޔޭގެ ވެރިއަކު އަޅާނެ އެންމެ ޒިންމާދާރު ފިޔަވަޅުތައް"


  • ރައީސް ވަނީ އިޤްތިޞާދީ ހާލަތު ރަނގަޅުކުރަން ފިޔަވަޅުތަކެއް އަޅުއްވާފައި

  • އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމަށް ރައީސް ވިދާޅުވެފައިވޭ

  • މިފިޔަވަޅުތަކަށް އައިއެމްއެފާ އެހެން ބައިނަލްއަޤްވާމީ އިދާރާތަކުން ތަޢުރީފްކުރޭ

ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ، ދުނިޔޭގެ ވެރިއަކު ނަންގަވާނެ އެންމެ ހަރުދަނާ އަދި ޒިންމާދާރު ފިޔަވަޅުތަކުގެ ގޮތުގައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފުން ފާހަގަކުރައްވާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދުބާއީގައި ހުންނަވާ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ސަޢީދު ވިދާޅުވީ، އައިއެމްއެފުން ރައީސްގެ އިޤްތިޞާދީ ނިންމެވުންތަކަށް ތަޢުރީފްކުރެއްވިކަމަށެވެ. އެގޮތުން ސަރުކާރުގެ ކުރީކޮޅު ޕަބްލިކް އެކައުންޓު އޯވާޑްރާފްޓު ނުވަތަ ފައިސާ ޗާޕްކުރުން ހުއްޓާލި ހުއްޓާލުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެއީ މިފަދަ ޙާލަތެއްގައި ދުނިޔޭގެ ވެރިއަކު ނަންގަވާނެ އެންމެ ޒިންމާދާރު ފިޔަވަޅުގެ ގޮތުގައި އައިއެމްއެފުން ފާހަގަކުރެއްވިކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަށް އައިއެމްއެފުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއަވާނެކަމުގެ ޔަޤީންކަން ދެއްވިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އެ ނިންމެވުމަކީ ވަރަށް ކޮމިޓެޑު ޕޮލިޓިކަލް ކޮމިޓުމެންޓެއްކަންވެސް ނިންމެވި. އެކަމުގެ ސަބަބުން ހަގީގަތުގަ ރާއްޖެ ދެން އަރައިގެންދާނީ، ހަމައެކަނި އަރައިގެންދާނީ ކުރިއަށްކަން އައިއެމްއެފުން ފާހަގަކުރި." އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ސަޢީދު ފާހަގަކުރެއްވިގޮތުގައި ސަރުކާރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އިޤްތިޞާދީ ބޮޑެތި އިޞްލާހީ މަސައްކަތްތަކެއް ޤައުމީ ފެންވަރުގައި ރައީސް ފެއްޓެވި ފެއްޓެވުމަށްވެސް އައިއެމްއެފުން ތަޢުރީފްކުރެއްވިއެވެ.

"މިކަމުގަ ކުރިއަށް ދާއިރުގަ ބައިނަލްއަޤްވާމީ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ފުރިހަމަ ކޮމިޓުމަންޓު ދެއްވި. އަދި ބައިނަލްއަޤްވާމީ ފަރާތްތައް، ބައިލެޓްރަލް އަދި މަލްޓިލެޓްރަލް އޮގަނައިޒޭޝަންތަކުންވެސް އަޅުގަނޑުމެން އެކުއެކީގަ މަސައްކަތްކުރަމުންދާއިރު، މި ހުރިހާ ފަރާތްތަކުންވެސް ވަރަށް ސްޓްރޯންގް ކޮމިޓްމަންޓެއް އެބަދޭ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމެވުމަށް އެބޭފުޅުން ފުލީ ބެކްކުރައްވާނެކަމަށް ވިދާޅުވި." ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް 5.5 އިންސައްތައިގެ ކުރިއެރުމެއް މިއަހަރު އަންނާނެކަމަށް ލަފާކުރެވޭކަމަށެވެ. އެކަމަށް ބާރުދޭ އެއް ކަމަކީ ދޮޅު މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމް ކުރިއަރާފައިވާކަން ފާހަގަކުރައްވާ ސަޢީދު ވިދާޅުވީ ވަށާޖެހޭ އިޤްތިޞާދީ ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށްދާނެކަމަށެވެ.

ރައީސްގެ ތަސައްވުރުގައި ޑިވެޕޮލްމަންޓު ބޭންކެއް ޤާއިމްކުރުން ހިމެނޭކަން ފާހަގަކުރައްވާ ސަޢީދު ވިދާޅުވީ އެކަމަށްވެސް އެހީވުމަށް އެދެވޭނީ ބޮޑެތި ފަންޑުތަކުގައިކަމަށެވެ. އެގޮތުން ޕެންޝަން ފަންޑު އަދި ސްވޮރިން ޑިވެލޮޕްމަންޓު ފަންޑާއި އަމިއްލަ ބައެއް އިންވެސްޓްމަންޓު ހިމެނޭކަމަށް ސަޢީދު ވިދާޅުވިއެވެ. އެފަރާތްތަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންއާއި ދެފުށްފެންނަ އިޤްތިޞާދުކަމަށް ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގެ ކްރެޑިޓު ރޭޓިން ހެދުން ކުރީ ސަރުކާރުގެ ފަހުކޮޅު ހުއްޓާލާފައިވާއިރު މިސަރުކާރުން ވަނީ އެކަން އަލުން ފެށުމަށް ނިންމަވާފައެވެ.

"އަދި ރޭޓިން ނެގެޓިވްކަމުގައި ވިޔަސް މި ހާލަތުގައި އަޅުގަނޑުމެން އެންމެ ފޭވަރަބަލް ރޭޓިންއަށް ކޮލިފައި ނުވިޔަސް އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ މަލްޓިލެޓްރަލް އޮގަނައިޒޭޝަންތަކުން ފުލް ކޮމިޓްމަންޓު އޮތުމަކީ ޑިވެލޮޕްމަންޓެއް އަޅުގަނޑުމެން އަމާޒު ހިފާ މުއްދަތުގެ ތެރޭގައި ގާއިމް ކުރެވޭނެކަމުގެ ފެހި ސިގުނަލެއް." ސަޢީދު ވިދާޅުވިއެވެ

އެކަމަށް ވާސިލްވުމަށް މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއެއް އުފައްދާ، މިހާރު އެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ދެއްކެވި ވާހަކައިގައި، ޤައުމުގެ އެތެރޭގައި ހުރި ގޮންޖެހުންތަކާއި، ބޭރު ދުނިޔޭގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކާ، މާލީ ނިޒާމު އިސްލާހުކޮށް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ރާވައި އެކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި 2023 ނޮވެމްބަރ 17 ގައި އައު ސަރުކާރު ވެރިކަމަށް އައިއިރު ދިވެހިރާއްޖެއަށް މާލީ ގޮތުން ކުރިމަތިވެފައިވާ ނާޒުކު ޙާލަތުގެ މައްޗަށްވެސް އައި.އެމް.އެފްގެ މެނޭޖިންގ ޑިރެކްޓަރ އަލިއަޅުއްވާލެއްވިއެވެ. މިރޮނގުން ވާހަކަ ކުރިއަށް ގެންދަވަމުން، އައު ސަރުކާރަށް ކުރިމަތިވި މާލީ އުނދަގޫ ޙާލަތުން އަރައިގަތުމަށް އަޅަންޖެހިފައިވާ މުހިންމު، އަވަސް ފިޔަވަޅުތައް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ އަގު ވަޒަންކުރައްވައި އައި.އެމް.އެފްގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކައިގައި، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު، ސަރުކާރުގެ ހިންގުމަށް އިސްލާޙުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރެއްވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާތަބުކުރައްވައި ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި މިކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވާ ކަމަށްޓަކައި ތައުރީފު ކުރެއްވިއެވެ.