ޚަބަރު

ހަރުދަނާ ފިޔަވަޅުތަކާއެކު، ޤައުމުގެ އިޤްތިޞާދަށް އާރޯކަން


  • އިޤްތިސާދީ ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

  • ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތައް އަޅަމުން

  • ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ދަނީ މި ފިޔަވަޅުތަކަށް ތަޢުރީފްކުރަމުން

ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، ޤައުމުގެ އިޤްތިޞާދު އޮތީ ނުރައްކާތެރި ހާލަތެއްގައެވެ. ކޭޝް ފްލޯ މެނޭޖުކުރުމަށް އޮތީ ދަތިވެފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި އޮތީ އިންތިހާއަށް ބޮޑުވެފައެވެ.

މިފަދަ ނާޒުކު ހާލަތަކުން އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވީ ނަމަވެސް، ސަރުކާރުން ގެންދަވަނީ ސާބިތުކަމާއެކު ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ.

ނިމިދިޔަ ސަރުކާރުން ގެންގުޅުނު މާލީ އަދި އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް މިދިޔަ 5 އަހަރު ބޮޑު ހީނަރުކަމެއް ކުރިމަތިވެ، ރާއްޖޭގެ ދަރަނި ދުވަހަކުވެސް ބޮޑުނުވާ މިންވަރަށް އުފުލިފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ.

އެގޮތުން ގިނަ ބައެއްގެ ޝަކުވާއަކަށްވީ މަސް ގަންނަ އަގު ކުރީ ސަރުކާރުން ބޮޑު ކުރުމަށްފަހު، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ އޮތުމެވެ. މިކަމުގެ ހަޤީގަތް ނޭނގޭ ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ މަސްވެރިންގެ ލިބެން ޖެހޭ ފައިސާ ހުއްޓުނީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހުގައި ކަމަށެވެ.

އެހެން ނަމަވެސް މަސްވެރިކަމާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކުރި ނަމަވެސް ދައުރު ނިމުނުއިރުވެސް އެ ރޭޓުގައި މަސްވެރިންނަށް އެއްވެސް ފައިސާއެއް ދޫކޮށްފައި ނުވާ ކަމަށެވެ.

މިހާތަނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު 270 މިލިއަން ރުފިޔާ ނުދެވިހުރިކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި މަސްވެރިން ބޭނުންވަނީ އެ ފަރާތްތަކުން ކިރުވާ މަހަށްވާ ފައިސާ ވަގުތުން ވަގުތަށް ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެގޮތް ހެދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވަނީ މަސް ގަންނަ އަގު 25 ރުފިޔާއިން 20 ރުފިޔާއަށް ބަދަލުކޮށްފައެވެ. ޝިޔާމް ވިދާޅުވީ މިހާރު އޮތް ބެކްލޮގް ފިލުވާލައި މާރިޗު މަހުން ފެށިގެން ބަރާބަރަށް ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

އިޤްތިސާދީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ޤައުމަށް ކުރިމަތިވެފައިވީ ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ ތަރައްޤީޤެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށެވެ. ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅުގެ ބައެއް ރަށްރަށް މިފަހުން ކުރެއްވި ދަތުރުގައިވެސްވަނީ މިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ކުރިއަށް އޮތް 3 މަހަކީ އިޤްތިޞާދީ ގޮތުން ދަތި ދުވަސްތަކެއް ނަމަވެސް ރައްޔިތުން ބޭނުންވާ ތަރައްޤީގެ ކަންކަން ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ކުރިއަށް އޮތް ދެތިން މަސް ދުވަސް އެންމެ އުނދަގުލީ، އާމްދަނީ ހޯދުމުގެ ކަންކަން ވަރުގަދަ ކުރުމަށް ނިންމާފައިވާ ދަނޑިވަޅުގައި، އެންމެ ހައްސާސް ވަގުތުމީ، ކުރަން ނިންމާފައިވާ ކަންތައްތައް ކުރުމުގައި މި ބީދައިން ކަންތައްތައްކޮށްފި ނަމަ، ޖުލައިގެ ފަހަށް ވަރަށް ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އިޤްތިސާދީގޮތުން ޤައުމަށް ގެންނަ ބަދަލުތަކާއެކު މިއަހަރު ރާއްޖޭގެ އިޤްތިސާދަށް 5.2 އިންސައްތައިން ކުރިއަރާނެކަމަށް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިންވެސް ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް މިދިޔަމަހުގެ 23 އިން މިމަހުގެ 6 ގެ ނިޔަލަށް، ރާއްޖެއަށް ކުރި ދަތުރަށްފަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއާއެކު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ފެސިލިޓީތައް އިތުރުވެ، އިޤްތިޞާދީގޮތުން މަންފާކުރާނެކަމަށް އައިއެމްއެފުންވަނީ ލަފާކޮށްފައެވެ.

ދުބާއީގައި ކުރިއަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި އައި.އެމް.އެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާވެސް ވަނީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ތަޢުރީފްކޮށްފައެވެ.

އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު، ސަރުކާރުގެ ހިންގުމަށް އިސްލާޙުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ޖޯޖީވާވަނީ ފާހަގަކުރައްވާފައެވެ.

އައިއެމްއެފްގެ އިތުރުން، ވޯލްޑް ބެންކުންވެސް ވަނީ އިޤްތިޞާދީ ކުރިއެރުމަށް ރާއްޖެއިން ކުރާ މަސައްކަތަކަށް ތަޢުރީފްކޮށްފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ވޯލްޑް ބެންކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އެ އިދާރާގެ ފަރާތުން އެންމެފަހުން ރާއްޖެ ވަޑައިގެންނެވި ވަފްދުންވެސް ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުން ވަނީ އުމްރާނީގޮތުން ޤައުމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ މަޝްރޫޢުތަކެއް ފަށާފައެވެ. ބާރު ދުވެއްޔެއްގައި މި މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާއިރު، ކުރިމަގުގައި ރާއްޖޭގެ އިޤްތިޞާދަށް މި މަޝްރޫޢުތަކުން ފޮނިމީރުކަން ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.