ޚަބަރު

ޑޮލަރުގެ މައްސަލަ ދެތިން މަސްތެރޭ އެއްކޮށް ހައްލުވާނެ: ސަޢީދު


  • ޑޮލަރުގެ ކަޅުބާޒާރަށް ވިޔަފާރިތައް ބަރޯސާވެފައިވާކަމަށް ވިދާޅުވި

  • ސޮވެރިން ފަންޑު ހުސްކޮށްލާފައިވާ ކަމަށްވެސް ވިދާޅުވި

  • ހާލަތުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށް

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ކުރިއަށް އޮތް ދެތިންމަސް ދުވަހުގެ ތެރޭގައި ހައްލުކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދުބާއީގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސަޢީދު ވިދާޅުވީ ޑޮލަރުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާން މެދުވެރިވި އެއް ސަބަބަބަކީ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް ޖަމާކުރަމުންދިޔަ ފައިސާ ނިމިދިޔަ ސަރުކާރުން ބޭނުންކުރުންކަމަށެވެ. އެ ފަންޑަކީ ރާއްޖޭގެ ދަރަނި އަދާކުރުމަށް ފައިސާ ޖަމާކުރަމުންދިޔަ ފަންޑެއްގެ ގޮތުގައި ސަޢީދު ފާހަގަކުރެއްވިއެވެ.

"އެންމެ ބޮޑު އިޝޫއަކަށް މިއުޅެނީ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް ކުރިން ޖަމާކުރަން ފެށި ފައިސާތަކެއް ކުރިން ނިމިދިޔަ ސަރުކާރުން ހުސްކޮށްލުން. އޭގަހުރި ފައިސާވެސް ވަނީ ނަގާފަ. އެއީ އަޅުގަނޑުމެން ޑެޓް ރީޕޭމަންޓަށް ކަލެކްޓް ކުރަމުންދިޔަ ޑިޕޮސިޓުތަކެއް. އެހުސްކޮށްފަ ހުރީ. ޑެޓެއް ކްރިއޭޓު މިކުރީ ވަރަށް ބޮޑަށް އެއަރޕޯޓުވެސް ނުނިންމާ." ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ މެދުއިރުމަތީގެ މައްސަލަތަކާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައިސްފާ މި ދަނޑިވަޅުގައި ޑޮލަރުގެ ކަޅު ބާޒާރެއް އެބައޮތްކަމަށެވެ. އަދި އެ ޑޮލަރުގެ ކަޅުބާޒާރަށް ބައެއް ވިޔަފާރިތައް ބަރޯސާވެފައިވުމަކީވެސް ޑޮލަރުގެ މައްސަލަ ކުރިތިވި ސަބަބެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވިއެވެ.

"މިހާރު މިއުޅޭ އިޝޫއަކީ ބްލެކް މާކެޓެއް އޮވެފަ، ބްލެކް މާކެޓަށް ޑެލިބެރޭޓުލީ ވިޔަފާރިތަކެއް ޑައިވަމުންދާ މައްސަލަ. އެހެންވީމަ އެކަން އޯވާކާމްކޮށް އަޅުގަނޑުމެން ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގަ ޑޮލަރު މައްސަލަ ހައްލުކުރާނަން. އެއީ އަޅުގަނޑުމެންގެ އަމާޒަކީ." ސަޢީދު ވިދާޅުވިއެވެ.

ޑޮލަރުގެ ދަތިކަމުގެ މައްސަލައާ ގުޅޭގޮތުން މާލީ ވުޒާރާއިން ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ދިވެހި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ސަރުކާރުން ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިއަހަރު 5.5 އިންސައްތައަށް މިއަހަރު އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. ދޮޅު މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމް ކުރިއަރާފައިވާ މިންވަރު ފާހަގަކުރައްވާ ސަޢީދު ވިދާޅުވީ ވަށާޖެހޭ އިޤްތިޞާދީ ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށްދާނެކަމަށެވެ.

މީގެ އިތުރުން މި ސަރުކާރު ހަވާލުވިއިރު ވިޔަފާރިތަކަށް ނުދައްކާ އޮތް 7 ބިލިއަން ރުފިޔާގެ ތެރެއިން 50 އިންސައްތައަށްވުރެ ބޮޑު ޢަދަދެއް ދައްކާ ޚަލާސްކޮށްފައިވާކަންވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެވޭނެކަމުގެ ޔަޤީންކަން ސަޢީދު ދެއްވިއެވެ.