ކުޅިވަރު

ގައުމީ ބާސްކެޓްބޯޅަ ލީގު: ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސްއަށް


ގައުމީ ބާސްކެޓްބޯޅަ ލީގު 2024 ގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކުލަބުން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޓީރެކްސްއިން ހޯދާފައިވަނީ ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯލް ކުލަބާ ވާދަކޮށްގެންނެވެ. ރޭ ކުޅުނު މި މެޗު ކިންގްސްއިން ކާމިޔާބުކޮށްފައިވަނީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. އެއީ 47-48 ޕޮއިންޓުންނެވެ.

ނަމަވެސް ކިންގްސްއަށް ޗެމްޕިއަންކަން ލިބެން އޮތީ މި މެޗުގައި 19 ޕޮއިންޓުގެ ތަފާތެއް ހޯދައިގެންނެވެ. އެ އަދަދަށް ޕޮއިންޓް ހަމަނުވުމުން ޗެމްޕިއަންކަން ލިބުނީ ޓީރެކްސްއަށެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ޓީރެކްސްއިން ރަނގަޅަށް ފެށި ނަމަވެސް، ކިންގްސް ވަނީ ދެވަނަ ކުއާޓާއިން ފެށިގެން ނުރައްކާކޮށްފައެވެ. މެޗުގައި ޓީރެކްސްއަށް އެންމެ މޮޅު ކުޅުމެއް ކުޅެދިނީ އަޙްމަދު ފިރާޝެވެ. އަދި ކިންގްސްއަށް އެންމެ މޮޅު ކުޅުމެއް ދެއްކީ އަބްދުﷲ އަމްޒަރު މުޙައްމަދެވެ.

މި ނަތީޖާއާއެކު ލީގު ބުރުގެ އެންމެ ގަދަ ހަތަރު ޓީމަށް ވަނީ ގައުމީ މުބާރާތުން ފުރުސަތު ލިބިފައެވެ. އެއްވަނައިގައި އޮތް ޓީރެކްސް އާއި ދެވަނައިގައި އޮތް ކިންގްސްއަށް 19 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ޕޮއިންޓުގެ ތަފާތުން އެއްވަނަ ލިބެނީ ޓީރެކްސްއަށެވެ. ތިންވަނައިގައި ރެޑްވިންގްސް އޮތީ 15 ޕޮއިންޓާއެކުއެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ހަތަރުވަނައިގަ ރެޕްޓާސް އޮތީ ފައިދާ ޕޮއިންޓުގެ ތަފާތުންނެވެ. އެއާއެކު ފަސްވަނައިގައި އޮތް ރޯޔަލްސް އާއި ހަވަނައިގައި އޮތް ސްޓިންގާސް ވަނީ ކަޓާފައެވެ.

ގައުމީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ކުޅުން ފަށާނީ މާދަމާއެވެ.