ޚަބަރު

ޝަރުތު ހަމަވާކަމަށް ކަނޑައެޅި ލިސްޓަށް އަންނަ ހަފްތާގައި ފްލެޓް ދޫކުރަން ފަށާނަން: ވަޒީރު


  • 4000 މީހުންގެ ތެރެއިން ޝަރުތު ހަމަވާކަމަށް އޭސީސީން ކަނޑައެޅީ 724 މީހުން

  • ވަޒީރު ވިދާޅުވީ ޕޯޓަލްގެ އެކްސެސް އަދި ނުލިބޭ ކަމަށް

  • ފްލެޓް ހަވާލުކުރުމުގެ މަސައްކަތަށް ޚާއްސަ ކޮމިޓީއެއް ނަގާނެ

ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފައްޓަވާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ޢަލީ ޙައިދަރު ވިދާޅުވީ ފްލެޓް ދޫކުރުމުގެ މަސައްކަތަށް ޚާއްސަ ކޮމިޓީއެއް ނެގުމަށް ނިންމަވާފައިވާކަމަށެވެ.

ފްލެޓް ދޫކުރުމުގެ މަސައްކަތް ލަސްވުމާއި، ފޯމު ހުށައެޅި ގިނަ ބައެއްގެ ޝަރުތު ހަމަނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ކަނޑައެޅުމާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބު ހޯދުމަށް، މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ވަޒީރު ވަނީ ހާޒިރުކުރައްވާފައެވެ.

ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވީ އޭސީސީން ފޮނުވާފައިވާ ޝަރުތު ހަމަވާ %20 މީހުންގެ ލިސްޓުގައި ހިމެނެނީ 724 މީހުންކަމަށެވެ. އަދި އޭސީސީން މިނިސްޓްރީއާއި ހިއްސާކޮށްފައިވަނީ ފޯމުގެ ނަންބަރު އެކަނި ހިމެނޭ ލިސްޓެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ޙައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީން އަދި މިނިސްޓްރީއަށް ދީފައި ނުވާ ކަމަށާއި، މިލިސްޓުގައި ހިމެނޭ މީހުން ކަށަވަރު ކުރެވޭނީ ޕޯޓަލަށް އެކްސެސް ލިބުމުންކަމަށެވެ.

ޕޯޓަލްގެ އެކްސެސް މި ހަފްތާ ތެރޭގައި ވުޒާރާއަށް ދޭނެކަމުގެ ޔަޤީންކަން އޭސީސީން ދެއްވާފައިވާކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ. މިއާއެކު އަންނަ ހަފްތާގައި ފްލެޓް ދޫކުރުމާއި ގުޅޭ ކަންކަން ފައްޓަވާނެކަމަށްވެސް ވިދާޅުވިއެވެ.

"2-3 ދުވަހުގެ ތެރޭގައި އެކްސެސް ލިބޭނެ. އޭރުން ލިސްޓުގައި ހިމެނޭ މީހުން ކަނޑައެޅިގެން އެނގޭނީ. އޭރުން އިތުރަށް މަޢުލޫމާތު ޔަގީންކޮށް، ގުޅައި އެމީހުން ގެނެސް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނަން. 2 ހަފްތާއިން މި މަސައްކަތް ނިމޭނެ." ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަލީ ޙައިދަރު ވިދާޅުވިއެވެ.

ފޯމު ހުށައެޅި މީހުންގެ ތެރެއިން %59.6 ޝަރުތު ހަމަނުވާކަމަށް އޭސީސީގެ ތަޙުޤީޤަށްފަހު އެ ކޮމިޝަނުންވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން ވަޒީރު ޙައިދަރު ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ ތަޙުޤީޤުން ހާމަވާ ކަންކަމާއި ނިންމުންތަކަށް މިނިސްޓްރީން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ. ނަމަވެސް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ލިސްޓާއި އޭގެ ސަބަބުތައް އިތުރަށް ބައްލަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދޮގު މަޢުލޫމާތު ދިނުމާއި ނުވަތަ ޝަރުތު ހަމަނުވާކަން ކަނޑައެޅިގެން އެނގޭ ހިނދު، އެގްރިމަންޓް އުވާލުމުގެ ބާރު ލިބޭކަމަށް ފޯމުގައިވެސް ބަޔާންކޮށްފައިވާކަމަށެވެ.

"ފޯމުގައި އޮންނާނެ ލިޔެފައި ސާފުކޮށް، ހުށައަޅާ މަޢުލޫމާތަކީ ސައްޙަ މަޢުލޫމާތަށް ވާންޖެހޭކަމަށް. އެނޫންގޮތަކަށް މަޢުލޫމާތު ހިމަނާފައިވާނަމަ އެގްރިމަންޓް ބާތިލުވާނެ. ޝަރުތު ހަމަނުވަންޏާ އެގްރިމަންޓް އުވާލުމުގެ ބާރު އޮންނާނެ." ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޢަލީ ޙައިދަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފްލެޓް ދެމުންދާނީ ޕޮއިންޓް ލިބުނު ތަރުތީބުންކަމަށެވެ. ލިސްޓް އާއްމުކުރިއިރު ފުރަތަމަ ފްލެޓް ލިބޭ 4000 މީހުންގެ ތެރޭގައި ހިމެނެނީ 2 ކޮޓަރީގެ އެޕާޓްމަންޓަށް 73 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު މީހުންނެވެ. އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 76 ޕޮއިންޓުން މަތިން މާކްސް ލިބުނު މީހުންނެވެ. ފުރަތަމަ 4000 މީހުންނަށް ފްލެޓް ދޫރުމަށް ނިންމީ، އެއީ މިހާރު ނިމެމުންދާ ފްލެޓް މަޝްރޫޢުގައި ހިމެނެނީ 4000 ފްލެޓްކަމަށްވާތީއެވެ. ފްލެޓަށް 13000އަށްވުރެ ގިނަ މީހުން ޝަރުތުހަމަވާ ކަމަށް ކުރީ ސަރުކާރުންވަނީ ކަނޑައަޅާފައެވެ.

ކޮމިޓީން ވަނީ މިހާރު އޭސީސީން ހިއްސާކޮށްފައިވާ ޝަރުތު ހަމަވާ މީހުންގެ ލިސްޓު ކޮމިޓީއާއި ހިއްސާކުރުމަށް އެދިފައެވެ. އެ ލިސްޓް މިހާރު އޮތްގޮތަށް ކޮމިޓީއާ ހިއްސާކުރައްވާނެކަމުގެ ޔަގީންކަން ވަޒީރުވަނީ ދެއްވާފައެވެ.