ޚަބަރު

ބެޓީ ކްރޮކަރ ބްރޭންޑުގެ ބައެއް ކޭކް މިކްސް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފި


  • ބާޒާރުމަތިން އެކި ތަންތަނުން ސާމްޕަލް ނެގި

  • އުކުނު ފަދަ ދިރޭތަކެތި ވަނީ ފެނިފައި

ބެޓީ ކްރޮކަރ ބްރޭންޑުގެ މިލްކް ޗޮކްލެޓް އަދި ޗޮކްލެޓް ފަޖް ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބެޓީ ކްރޮކަރ ބްރޭންޑްގެ ކޭކް މިކްސްގެ މި ދެ ބާވަތް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފައިވަނީ މިބްރޭންޑްގެ ޗޮކްލެޓް ފަޖް ޕެކެޓުގައި އުކުނު ހުރިކަމަށް ބުނެ އާއްމު ފަރާތަކުން ހުށައެޅި ޝަކުވާއަކާއި ގުޅިގެން އެކަން ބެލުމަށް މާލޭގެ ބާޒާރުގައި ހުރި މިބާވަތްތަކުން ސާމްޕަލްނަގައި ތަހުލީލު ކުރުމަށްފަހުއެވެ.

މިގޮތުން ހެދި ތަހުލީލުތަކުން ދައްކާގޮތުން މިސާމްޕަލްތަކުގައި "ލަމްޕްސް" ނުވަތަ ފުށް ގަނޑުވެފައިވެއެވެ. އަދި ބައެއް ސާމްޕަލްތައް ހުރީ އުކުނު ފަދަ ކުދި ދިރޭ ސޫޕިތަކުން ފުރިފައިކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކުރެއެވެ.

އެހެންކަމުން މި ތަކެއްޗަކީ ކެއުމަށް ރައްކާތެރި ތަކެތި ނޫންކަމަށް އެއޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ. އަދި ރަށްކާތެރިކަމުގެ ގޮތުން މިބާވަތްތައް ވިއްކާ ބޭނުންކުރުންވަނީ މަނާކޮށްފައެވެ.

ދާދިފަހުން ވަނީ ސްވިޓްޒަރލޭންޑްގެ މަޝްހޫރު "ޓޮބްލެރޯން" ބްރޭންޑުގެ މިލްކް ޗޮކްލެޓުގެ ވަކި ބްރޭންޑްތަކެއްވެސް ރާއްޖޭގައި ވިއްކުން މަނާކޮށްފައެވެ.