އައްޑޫ ސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީކުރުމަށް މިދިޔަ ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައި ނެތް ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މިހާރު އައްޑޫގައި ކުރިއަށްދާ 16 ވަނަ އިންޓަރ ސުކޫލް އެތުލެޓިކްސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ ސްޓޭޑިމުގައި ވޭތުވެދިޔަ 10 އަހަރު ތެރޭގައި އެއްވެސް މަރާމާތެއް ކޮށްފައިނުވާ ކަމަށެވެ. އެގޮތުން ސްޓޭޑިއަމުގައި ވޭތުވެދިޔަ ސަރުކާރުން ދަވާދުކޮޅެއްގެ މިންވަރުވެސް ރީތިކޮށްލަން ލާފައި ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ސްޓޭޑިއަމް މަރާމާތުކުރުމާ ގުޅޭގޮތުން ތަކުރާރުކޮށް އެދިފަވާނެ ކަމަށާއި، އައްޑޫ ޒޯން ސްޓޭޑިއަމް ވީރާނާވެގެންދިޔުމަށް ދޫނުކޮލުމަށް ސަރުކާރުގައި އާދޭސްދެންނެވި ކަމަށެވެ. އެހެން ނަމަވެސް އައްޑޫ ސިޓީގެ ފަޚުރު ކަމައްވާ ސްޓޭޑިއަމުގެ އެއްވެސް މަސައްކަތެއް ނުކޮށް ދައުރު ނިންމާލިކަން ނިޒާރު ފަހަގަކުރެއްވިއެވެ. އެހެން ނަމަވެސް މި ފަހަރުގެ އެތުލެޓިކްސް މުބާރާތް ބޭއްވުމަށް, މި ސަރުކާރުން މަރާމާތުގެ މަސައްކަތް ކޮށްފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި މިހާ އަވަހަށް, ފުރިހަމައަށް މަރާމާތުގެ މަސައްކަތް ކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއަށް ޝުކުރުއަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫ ޒޯން ސްޓޭޑިއަމުގެ އާބާތުރަފިލުވައި، ސްޓޭޑިއަމް މަރާމާތުގެ މަސައްކަތްތައް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ފައްޓަވައިދެއްވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އައްޑޫ ސިޓީއަށް ވަޒީރު ކުރެއްވި ދަތުރުފުޅުގައި ވަނީ ހިތަދޫ ޒޯން ސްޓޭޑިއަމް މަރާމާތުގެ މަސަައްކަތް ފައްޓަވައިދެއްވުމަށްފަހު، ދަނޑުގެ ރޮސްޓްރަމުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ.
ސަމާލުކަން ނުދެވި، ގިނަ މަރާމާތުތަކެއް ބޭނުންވެފައިވާ ހިތަދޫ ޒޯން ސްޓޭޑިއަމުގެ މަރާމާތުގެ މަސައްކަތް ނިމޭއިރު، އަލުން އެ ދަނޑުގައި މުބާރާތްތައް ކުޅޭވޭ ފެންވަރަށް އަނބުރާ ގެނެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ. އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރީ ނޫރައްދީން އިންވެސްޓްމަންޓާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ އެއް މިލިޔަން ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާއަށް، 30 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.