ޚަބަރު

އަސްކަރީ މަތިންދާބޯޓުގެ ބައިތައް ޔަހޫދީންނަށް ވިއްކުން ނެދަލެންޑްސް ސަރުކާރަށް މަނާކޮށްފި


އިސްރާއީލުގެ އަސްކަރިއްޔާއިން ބޭނުން ކުރާ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ބޭނުންވާ ސާމާނާއި ބައިތައް އެ ޤައުމަށް ވިއްކުން ނެދަލެންޑްސްގެ ކޯޓަކުން މަނާކޮށްފިއެވެ. ނެދަލެންޑްސްގެ މަތީ ކޯޓަކުން އެ ޤައުމުގެ ސަރުކާރުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ނެދަލެންޑްސުން ފޯރުކޮށްދޭ އަސްކަރީ ސާމާނު ބޭނުން ކުރަމުންދާ ކަމަށް ބެލެވޭތީ ކަމަށް ބުނެއެވެ.

"ނެދަލެންޑްސުން އިސްރާއީލަށް ފޯރުކޮށްދޭ އަސްކަރީ ސާމާނު ބޭނުންކޮށްގެން ބައިނަލްއަޤުވާމީ އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ޚިލާފު އަމަލުތައް ހިންގަފާނެ ކަމުގެ ބިރު އެބައޮތް،" އެ ޤައުމުގެ މަތީ ކޯޓަކުން ކޮށްފައިވާ ހުކުމުގައި ބުނެފައިވެއެވެ. އަދި, މި ހުކުމަށް އަމަލު ކުރަން ފެށުމަށް ކޯޓުން ވަނީ ނެދަލެންޑްސްގެ ސަރުކާރަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

މައްސަލައިގެ އަޑުއެހުންތަކުގެ ތެރެއިން ނެދަލެންޑްސްގެ ދަޢުލަތުގެ ވަކީލުން ވަނީ މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިޢުނާފު ކުރެވެން ދެން, ހުކުމަށް އަމަލު ކުރުން މަޑުޖައްސައިލުމުގެ އަމުރަކަށް އެދިފައެވެ. ނަމަވެސް, ކޯޓުން ވަނީ އެ ފަދަ އަމުރެއް ނެރެދޭން ދެކޮޅު ހަދާފައެވެ.

މި ހުކުމާ ގުޅިގެން ނެދަލެންޑްސްގެ ސަރުކާރުން ބުނީ, ޤާނޫނު އަސާސީން ސަރުކާރަށް ލިބިދީފައިވާ ޚާރިޖީ ސިޔާސަތު އެކުލަވައިލައި ތަންފީޒު ކުރުމުގެ ބާރަށް ކޯޓުން އަރައިގަނެފައިވާ ކަމުގައެވެ. އަދި, މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިޢުނާފު ކުރާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

"އިސްރާއީލުގެ އަސްކަރިއްޔާއިން ބޭނުން ކުރާ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ބޭނުންވާ ސާމާނު އެ ޤައުމަށް ވިއްކުމުގައި އެއްވެސް މައްސަލައެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން،" ނެދަލެންޑްސްގެ ވިޔަފާރިއާ ބެހޭ ވަޒީރު ޖޮފްރީ ފަން ލީޔުވަން ވިދާޅުވިއެވެ. އަދި, ނެދަލެންޑްސުން އިސްރާއީލަށް ވިއްކާ އަސްކަރީ ސާމާނަކީ ޔަހޫދީންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް ބޭނުންވާ ސާމާނު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ނެދަލެންޑްސްގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ މަތީ ކޯޓަކަށް މައްސަލަ ވައްދާފައި ވަނީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ގުޅިގެންނެވެ. މީގެ ތެރޭގައި ނެދަލެންޑްސްގައި ހުންނަ އޮކްސްފެމްގެ ގޮފި ވެސް ހިމެނެއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް ފަލަސްޠީނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހެން ޤައުމުތަކުގެ ޤާނޫނުތަކަށް ވެސް މި ހުކުމާ އެކު ބާރު ލިބުން،" ނެދަލެންޑްސްގައި ހިންގާ އޮކްސްފެމްގެ ގޮފީގެ ޑިރެކްޓަރ މިޚީލް ސަރްފާސް ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 28,340 އަށް އުފުލިފައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 67,984 އަށް އަރައެވެ. ޣައްޒާގެ އުތުރާއި މެދުތެރޭގައިވާ ސަރަޙައްދުތައް ސުންނާފަތި ކޮށްލުމަށް ފަހު ޔަހޫދީ ފައުޖުން މިހާރު ދަނީ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އެރުމަށް ތައްޔާރުވަމުންނެވެ. އެ ރަށުގައި މި ވަގުތު 1.4 މިލިޔަނަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓަކީ އެމެރިކާގެ އުފެއްދުމެކެވެ. އެއީ, އެމެރިކާގެ އިތުރުން ނޭޓޯއާއި ވިލާތުގެ ގިނަ ޤައުމުތަކުން ބޭނުން ކުރާ މަތިންދާބޯޓެކެވެ. ނެދަލެންޑްސްގައި ވެސް އެ މަރުކާގެ މަތިންދާބޯޓުގެ ބައިތައް ރައްކާކޮށްފައިވާ ގުދަންތައް ހުރެއެވެ. އޮކްޓޫބަރު 7ގެ ފަހުން ވެސް ނެދަލެންޑްސުން ވަނީ އިސްރާއީލަށް އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓަށް ބޭނުންވާ ތަކެއްޗާއި ސާމާނު ފޯރުކޮށްދީފައެވެ.