ޚަބަރު

ސްކްރީނިން ޕްރޮގްރާމްގެ ތެރެއިން 14000 މީހުން ފައިލޭރިއާއަށް ޓެސްޓްކުރާނެ


  • ފެބްރުއަރީ 16ގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ސްކްރީނިން ފަށާނެ

  • ފައިލޭރިއާ ސްކްރީނިންގްއަށް ޕްރީޓެސްޓިން ވަނީ ފަށާފައި

  • ފައިލޭރިއާގެ ޕްރީޓެސްޓިން ކުރިއަށްދަނީ ހުޅުމާލޭގައި

ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި ކުރިއަށްގެންދާ ސްކްރީނިން ޕްރޮގްރާމްގެ ތެރެއިން 14000 މީހުން ޓެސްޓްކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި އަންނަމަހުގެ 16 ވަނަ ދުވަހު ފައިލޭރިއާ ސްކްރީނިންގ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއެކު މޯލްޑިވްސް ރެޑް ކްރެސެންޓް، ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރު އަދި ހުރިހާ ކައުންސިލްތަކުން ހަރަކާތްތެރިވާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޕީއޭގެ ކޮމިއުނިކެބަލް ޑިސީސް އެންޑް ޕްރިވެންޝަން ކޮންޓްރޯލްގެ ހެޑް، ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ސްކްރީނިން ޕްރޮގްރާމް މުޅި ރާއްޖޭގައި ފެށުމަށްޓަކައި، ސާމްޕަލް ނެގުން ހުރިހާ ރަށެއްގައި ކުރިއަށްދާނެ ކަމަށެވެ. އަދި ބިދޭސީން ގިނަ އަދަދަކަށް އުޅޭ ސިނާއީ މަސައްކަތްކުރާ ރަށްރަށާއި، ބައެއް ރިސޯޓުތަކުގައިވެސް ސާމްޕަލް ނެގުން ކުރިއަށްދާނެކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ފައިލޭރިއާ ސްކްރީނިންގއަށް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ރެންޑަމްކޮށް ހޮވާލެވޭ ގޭބީސީތަކުން. އެގޮތުން މިގޭބިސީތަކުގައި ދިރިއުޅޭ 18 އަހަރުން މަތީގެ ހުރިހާ މީހުން ފައިލޭރިއާ ސްކްރީނިންގައި ބައިވެރިވެވޭނެ. ބިދޭސީން ދިރިއުޅޭ ބައެއް ތަންތަނާއި ބައެއް ގޭގެއަށް ޒިޔާރަތްކޮށް ހޮވާލެވޭ ވަކި އަދަދަކަށް އެތަންތަނުން ސާމްޕަލް ނެގޭނެ." ނަޒްލާ ވިދާޅުވިއެވެ.

ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި ސްކްރީނިންގ ޕްރޮގްރާމެއް ފަށަން ތައްޔާރުވެފައި މިވަނީ، މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ރާއްޖެއިން ބަލީގެ ކޭސްތަކެއް ފެނުމާއި ގުޅިގެނެވެ.