ކުޅިވަރު

ނިއު ރޭޑިއަންޓް ކަޓުވާލައި ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް


އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައި، ވިކްޓަރީ ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެއްޖެއެވެ.

މިއީ ސަސްޕެންޝަނުގެ ސަބަބުން ދެވަނަ ޑިވިޝަނަށް ވެއްޓުނު ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު، މި ޑިވިޝަނުގައި ކުޅުނު ދެވަނަ ސީޒަނެވެ. މުސާރަ ނުދޭ މައްސަލަ އާއި އެޑްމިނިސްޓްރޭޓިވް މައްސަލަތަކުގައި ވިކްޓަރީ ސަސްޕެންޑްކުރީ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. އަދި މާލީ މައްސަލަތަކެއްގައި ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. އެ ސަސްޕެންޝަނުން އަަރައިގަނެ ވިކްޓަރީ އާއި ނިއު ރޭޑިއަންޓުން 2022 ވަނަ އަހަރުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރި ނަމަވެސް، އެ ފަހަރު މި ދެ ޓީމުން ކުރެ އެއްވެސް ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައެއް ނުވެއެވެ.

އެކަމަކު ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ވިކްޓަރީ ޖާގައެއް ހޯދީ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް ބަލިކޮށް، ދެވަނަ ޑިވިޝަނުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްގެންނެވެ.

މި މެޗަށް ވިކްޓަރީން ނުކުތްއިރު އެ ޓީމަށް ކުޅެމުން އަންނަ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް ވަނީ ކުއާޓާ ފައިނަލުގައި ކުޑަ ހެންވޭރާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމުގައި ލިބުނު އަނިޔާތަކާ ހެދި، ކުލަބުގައި އެދިގެން ރާއްޖޭން ފުރާފައެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 25 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލީޑު ނަގާފައެވެ. މޫސާ ޔާމިން ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ފައިސަލެވެ. މި މެޗުގައި ވިކްޓަރީން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި އިބްރާހީމް ރިޒްހާނެވެ.

މިއީ ސޮބާހު މުޙައްމަދުގެ އިރުޝާދުގެ ދަށުން ދެވަނަ ޑިވިޝަނުން ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ދެވަނަ ފަހަރެވެ. އެގޮތުން 2016 ވަަނަ އަހަރު ކުލަބު ގްރީން ސްޓްރީޓްސްއަށް ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިދީ، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދިނީވެސް ސޮބާހެވެ. އަދި މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓަށް ކޯޗުކަންކޮށްދީ، ސޮބާހު މި ވަނީ މި ފަހަރު ވިކްޓަރީ އަލުން ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީފައެވެ.

މި ފަހަރުގެ ދެވަނަ ޑިވިޝަނުގެ ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމަށްވެސް ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ލިބޭނެއެވެ. އެއާއެކު މި އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކުރިއަށްދާނީ 10 ޓީމާއެކުގައިކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ހާމަކޮށްފައެވެ.

ފައިނަލުގެ ޖާގައެއް ހޯދައި ފުރަތަމަ ޑިވިޝަނަށް ދެން ޕްރޮމޯޓުވީ މަސްއޮޑި ސްޕޯޓްސް ކުލަބެވެ. ވިކްޓަރީ އާއި މަސްއޮޑި ކުޅޭ ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ.