ޚަބަރު

ރާއްޖެއަށް އެހީތެރިވުމުގައި އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އަބޫދާބީން ދީފި


  • އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޑިރެކްޓަރ ޖެނެރަލް ވަނީ ރައީސް އަރިހަށް ޒިޔާރަތްކޮށްފައި

  • މި ބައްދަލުވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރެއްވި

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ހުއްޓުމެއްނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ދީފިއެވެ.

ރާއްޖެއަށް އެހީތެރިވުމުގައި އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ދީފައިވަނީ، އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީ އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވީ ދުބާއީގައި ކުރިޔަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓްގެ ހަވާސާގެ ތެރެއިންނެވެ.

މި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާ އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމުގެ މައްޗަށާއި އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓުން ރާއްޖޭގެ ތަރައްޤީއަށް ދޭ އެހީތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި އަބޫދާބީ ފަންޑުން ރާއްޖެއަށް ހުއްޓުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި ހުއްޓުމެއްނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، ރާއްޖެއާ ގުޅިގެން ކުރެވޭ މަސައްކަތްތަކާމެދު އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ވަނީ އެ ފަންޑުގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްދާގޮތާ ގުޅޭގޮތުންނާއި ދެފަރާތުން ގުޅިގެން އިތުރަށް މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއާ ޞިއްޙީ ދާއިރާ އަދި އިޤުތިޞާދާ ތަރައްޤީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.