ކުޅިވަރު

ގައުމީ ބާސްކެޓްބޯޅަ ލީގު: އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސްއަށް


ގައުމީ ބާސްކެޓްބޯޅަ ލީގު 2024 ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯލް ކުލަބުން ހޯދައިފިއެވެ.

މި އަހަރުގެ ލީގުގެ އަންހެން ޑިވިޝަނުގެ ތަށި ކުއީންސްއިން އުފުލާލީ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. އެގޮތުން ރޭ ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި ކުއީންސް ވަނީ އެލީޓް ސްޕޯޓްސް ކުލަބު އަތުން 97-55 ޕޮއިންޓުން މޮޅުވެފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ކުއީންސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ރިޝްމާ ވަނީ 24 ޕޮއިންޓް ހޯދައިދީ 17 ރީބައުން ނަގައިދީ ހަ އެސިސްޓް ކޮށްފައެވެ. އަދި އެ ޓީމުގެ ހައުމާ އުބައިދުﷲ ވަނީ 35 ޕޮއިންޓް ހޯދައިދީ ތިން ރީބައުން ނަގައިދީ ތިން އެސިސްޓް ކޮށްފައެވެ.

މި މެޗުގައި އެލީޓް ސްޕޯޓްސް ކުލަބަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އައިޝަތު އިނާޝާއެވެ. އެގޮތުން އޭނާ ވަނީ 17 ޕޮއިންޓް ހޯދައިދީ ހަތް ރީބައުން ނަގައިދީ ފަސް އެސިސްޓް ކޮށްފައެވެ.

މި މޮޅާއެކު ކުއީންސްއިން ލީގު ޗެމްޕިއަންކަން ހޯދިއިރު، މި އަހަރުގެ ކުރިން އެ ޓީމުން އެންމެ ފަހުން ގައުމީ ލީގު ކާމިޔާބުކޮށްފައިވަނީ 2020 ވަނަ އަހަރެވެ.