ޚަބަރު

ޔަހޫދީ ފައުޖުގެ ޙަމަލާތަކެއްގައި ދެ އެސީރުން މަރުވެއްޖެ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި, ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިިބި އަސީރުންގެ ތެރެއިން ދެ މީހުން މަރުވެފައިވާ ކަން އެ ޖަމާޢަތުން ހާމަކޮށްފިއެވެ. ޙަމާސްގެ ހަތިިޔާރު އެޅި ގޮފި, ޢިއްޒުއްދީން އަލް-ޤައްސާމް ބްރިޖޭޑްސުން ބުނީ, ފާއިތުވި 96 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާއަށް ދީފައިވާ އެކި ޙަމަލާތަކުގައި އަސީރުންގެ ތެރެއިން ދެ މީހުން މަރުވެ, އަށް މީހަކު ޒަޚަމުވެފައިވާ ކަމުގައެވެ.

"ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގެ ދަށުން ދެމުންދާ ޙަމަލާތައް އިތުރުކޮށް, ވަރުގަދަ ކުރުމާ ގުޅިގެން, އަސީރުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ އަދި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ދަތިވެފައި. ޔަހޫދީންގެ ޙަމަލާތަކުގައި އަސީރުންގެ ދެ މީހުން މަރައިލުމާއި, އިތުރު އަށް މީހުން ޒަޚަމު ކޮށްލުމުގެ ޒިންމާ [ޒަޔަނިސްޓު އިސްރާއީލުން] އުފުލަން ޖެހޭނެ،" ޤައްސާމް ބްރިގޭޑްސުން ބުންޏެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިސްރާއީލަށް އަރައި ދިން ޙަމަލާތަކަށް ފަހު 250 މީހުން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައިވެއެވެ. ޔަހޫދީންނާއި ޙަމާސާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން އޭގެ ތެރެއިން 100 އެއްހާ މީހުން ވަނީ މިނިވަން ކޮށްފައެވެ. ޙަމާސްގެ ޙަމަލާތަކުގައި އިސްރާއީލުގެ 1,200 އެއްހާ މީހުން މަރައިލިއެވެ.

ޙަމާސްގެ އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނުގައި މިހާތަނަށް 28,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 31 މީހުން މިހާތަނަށް ވަނީ މަރައިލާފައެވެ. އެ މީހުން މަރައިލާފައި ވަނީ ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ކަމަށް ޙަމާސުން ބުނެއެވެ. އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި އަދިވެސް 136 އަސީރުން ތިބި ކަމަށް ބެލެވެއެވެ.

ޣައްޒާއަށް ބޮންއަޅައި, ރަށްތައް ސުންނާފަތި ކުރުމުގެ އިތުރުން ޔަހޫދީ ފައުޖުން ދަނީ ގިނަ ޢަދަދެއްގެ މުސްލިމުން ހައްޔަރު ވެސް ކުރަމުންނެވެ. ހައްޔަރުކޮށް, ޖަލަށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާ, ޕަލަސްޓީނިޔަން ޕްރިޒަނަރސް ކްލަބުން ބުނީ, އޮކްޓޫބަރު 7 ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ އިތުރުން 6,950 މީހުން ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި މައުސޫމު ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ.