އެލީޓް ރަނާސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން އަންނަ މެއި މަހު ބާއްވާ އިންޓަރނޭޝަނަލް ދުވުން ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
ހުޅުމާލޭގައި އަންނަ މެއި މަހުގެ 17 ވަނަ ދުވަހު އޮންނަ މި ދުވުމަކީ ހުރިހާ އުމުރަކަށްވެސް ހުޅުވާލެވިގެން ބާއްވާ ދުވުމެކެވެ. އެހެން ދުވުންތަކާ ޚިލާފަށް އެލީޓް ރަނާސްގެ މި ދުވުމުގައި ފަސް ކިލޯމީޓަރުގެ އިތުރުން 10 ކިލޯމީޓަރާއި 01 މޭލުގެ ދުވުން ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ކެޓަގަރީގައި "ފަން ރަން" ވަނީ ހިމަނާފައެވެ.
"ހުޅުމާލެ ރަން" ގެ ނަމުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ދުވުން ރަސްމީކޮށް ލޯންޗުކޮށްފައިވަނީ މިއަދު ބޭއްވި ޚާއްސަ އިވެންޓެއްގައެވެ. މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު އެލީޓް ރަނާސްއިން ވަނީ ހުޅުވާލާފައެވެ.
މި ދުވުމަށް ޚާއްސަ ވެބްސައިޓެއް ގާއިމުކޮށްފައިވާއިރު، www.hulhumalerun.mv މި ވެބްސައިޓުން އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެލީޓް ރަނާސްއިން މައުލޫމާތުދެއެވެ.
މި ދުވުމުގެ އޮފިޝަލް ޓީވީ ޕާޓްނަރަކީ ޕީއެސްއެމްއެވެ. މިއީ އެލީޓް ރަނާސްއިން ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ހަރަކާތެވެ.