ޚަބަރު

ފިލިޕީންސްގައި ބިންގަނޑު ކެނޑި 37 މީހުން މަރުވެއްޖެ


ފިލިޕީންސްގެ ދެކުނުގައި އޮންނަ ފަރުބަދަމަތީ ސަރަޙައްދެއްގެ ބިންގަނޑު ކެނޑި, ހިލައާއި ކިސަޑު ފޭބުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 37އަށް އަރައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ދާވައު ދެ އޯރޯ ޕުރޮވިންސުގެ ރަށެއް ކަމުގައިވާ މާކޯގައި ރަން ނަގާ މައިނެއް ހިންގާ ސަރަޙައްދެއްގައެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަޙައްދުގައި މީހުން ދިރިއުޅޭ ގިނަ ޢަދަދެއްގެ ޢިމާރާތުގެ އިތުރުން އުޅަނދުފަހަރު ކިސަޑުތަކުގެ ދަށުވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. ކިސަޑުތަކުގެ ދަށުގައިވާ ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރަން އޮފިޝަލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ދާވައު ދެ އޯރޯގެ އޮފިޝަލެއް ކަމުގައިވާ އެޑްވަރޑް މަކަޕީލީ ވިދާޅުވީ ކިސަޑުތަކުގެ ދަށުވެ, މަރުވެފައިވާ އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި, ބިންގަނޑު ކެނޑުމުގެ ހާދިސާއާ ގުޅިގެން މަރުވި މީހުންގެ ޢަދަދު މިހާރު 37 އަށް އަރާފައިވާ ކަމުގައެވެ. އިތުރު 63 މީހަކު އަދިވެސް ނުފެންނަ ކަމަށާއި, އެ މީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެ މީހުން ހޯދުމުގެ މަސައްކަތުގައި 300 އަށްވުރެ ގިނަ މީހުންގެ ޓީމަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ބިންގަނޑު ކެނޑުމާ ގުޅިގެން ހިނގި ހާދިސާގައި 32 މީހަކު ޒަޚަމުވި ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާ ހިނގި ސަރަޙައްދަށް މޫސުން ގޯސްވެ, ބޯކޮށް ވާރޭވެހެމުން ދިޔުމާ ގުޅިގެން, އިތުރު ސަރަޙައްދުތަކުގެ ބިންގަނޑު ކެނޑުމުގެ ފުރުޞަތު އޮތް ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރު ކުރެއެވެ. ހުސްވި ހަފުތާއެއްހާ ދުވަހު ބޯކޮށް ވާރޭވެހުމާ ގުޅިގެން ދާވައު ދެ އޯރޯ ޕުރޮވިންސުގެ ބައެއް ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.