ޚަބަރު

ބްރިޖްގެ ފުރަތަމަ ޕްލެޓްފޯމް ނޫސްވެރިންނަށް ދައްކާލައިފި


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ފުރަތަމަ ޕްލެޓްފޯމްގެ މަސައްކަތް ނިންމާލެއްވުމަށްފަހު، އެތަން ނޫސްވެރިންނަށް ދައްކާލައިފިއެވެ. ބްރިޖްގެ މަސައްކަތް ކުރުމަށް ޖުމްލަ 5 ޕްލެޓްފޯމެއް ހެދުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ޕްލެޓްފޯމް ހަދާފައިވަނީ، ހުޅުލޭ އެއަރޕޯޓް ކައިރީގައެވެ. img:http://s4.psmnews.mv/images/660x400/14610561354775.jpg|ބްރިޖުގެ ފުރަތަމަ ޕްލެޓްފޯމް ނޫސްވެރިންނަށް އިއްޔެ ވަނީ ދައްކާލާފަ - ފޮޓޯ: ޕީއެސްއެމް ނިއުސް

ބްރިޖް ޢަމަލީ މަސައްކަތް ކުުރުމުގައި، ޕެލްޓްފޯމްތައް ބޭނުން ކުރެވޭނީ ކަނޑުގެ އަޑީގައި ކުރިއަށްގެންދާ އިންޖިނިއަރިންގެ މަސައްކަތްތައް ކުރުމަށެވެ. އެއީ ބްރިޖްގެ ތަނބުތަކުގެ ފައުންޑޭޝަން މަސައްކަތާއި، ތަނބުތައް ކަނޑުން މައްޗަށް ބިނާ ކުރުމުގެ މަސައްކަތެވެ. މިހާރު ނިމިފައިވާ ޕްލެޓްފޯމަކީ 14 މީޓަރު ދިގު އަދި 14 މީޓަރު ފުޅާ، ބިޔަ ޕްލެޓްފޯމެކެވެ. ޕްލެޓްފޯމްގައި ބޮޑެތި ކްރޭންފަދަ ހެވީ ވެހިކަލް އޮޕަރޭޓް ކުރެވޭވަރުގެ ޖާގަަ އޮވެއެވެ. މިހާތަނަށް އެންމެ ޕްލެޓްފޯމެއްގެ މަސައްކަތް ނިމިފައިވިޔަސް، ބާކީ ހުރި ހަތަރު ޕްލެޓްފޯމްގެ މަސައްކަތްވެސް މިވަގުތު ބާރަށް ކުރިއަށް އެބަދެއެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ، އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފަސް ޕްލެޓްފޯމްގެ މަސައްކަތްވެސް ނިންމާލެވޭނެ ކަމަށެވެ. img:http://s1.psmnews.mv/images/660x400/14610560671393.jpg|ބްރިޖުގެ ފުރަތަމަ ޕްލެޓްފޯމް ނޫސްވެރިންނަށް އިއްޔެ ވަނީ ދައްކާލާފަ - ފޮޓޯ: ޕީއެސްއެމް ނިއުސް

ޕްލެޓްފޯމްތައް ނިންމާލުމަށްފަހު ދެން އޮންނާނީ ފައުންޑޭޝަންގެ މަސައްކަތް ފެށުމެވެ. ފައުންޑޭޝަން މަސައްކަތުގައި، ކަނޑުގެ އަޑިން 70 މީޓަރު ފުނަށް ޕައިލްސް ނުވަތަ ދަގަނޑުފިލާ ޖެހުމަށް ހަމަޖެހިފައިވެއެވެ. ޕްލެޓްފޯމްގައި ނޫސްވެރިން ހަރަކާތްތެރިވަމުން ދަނިކޮށް، ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު އެތަނަށް ޒިޔާރަތްކުރައްވާ ވިދާޅުވީ، ކަނޑުއަޑިއަށް ޖަހާ ޕައިލްސްތަކުގެ ބޮޑު ބައެއްވެސް ރާއްޖެ ގެނެވިފައިވާ ކަމަށާއި، މެއި މަހުގެ ތެރޭގައި އެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ. img:http://s3.psmnews.mv/images/660x400/14610560061436.jpg|ބްރިޖުގެ ފުރަތަމަ ޕްލެޓްފޯމް ނޫސްވެރިންނަށް އިއްޔެ ވަނީ ދައްކާލާފަ - ފޮޓޯ: ޕީއެސްއެމް ނިއުސް

ބްރިޖްގެ މަސައްކަތްތައް ކުރިއަށްދަނީ ހީވެސް ނުކުރާފަދަ ބާރު ސްޕީޑެއްގައި ކަމަށާއި، ތާވަލްގައި ކަންކަން ކުުރުމަށް ކަނޑައަޅާފައިވާ ތާރީޚްގެ ދެމަސް ކުރިން މަސައްކަތްތައް ކުރިއަށްދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖަކީ، މާލެ ސަރަޙައްދާއި، މުޅި ޤައުމުގެ އިޤްތިސާދާ ގުޅިފައިވާ މަޝްރޫއެކެވެ. ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމެއް ބްރިޖް މަޝްރޫއަށް ލިބިފައިވެއެވެ. އެގޮތުން މި މަޝްރޫއަށް ފަންޑްކޮށްފައިވާ ފައިސާގެ ބޮޑު ބަޔަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި، އެޤައުމުން ދީފައިވާ ލުއި ލޯނެކެވެ. ދިވެހި ސަރުކާރުންވެސް 12 މިލިއަން ޑޮލަރު މި މަޝްރޫއަށް ޚަރަދު ކުރައްވާނެއެވެ.