ޚަބަރު

ޝަހީދުންގެ ދުވަހާއި ގުޅުވައިގެން އަހުމަދިއްޔާ ސްކޫލް ކުދިން އަލިރަސްގެފާނު ޒިޔާރަތަށް


  • ބޭނުމަކީ ދިވެހި ގައުމިއްޔަތުގެ ބަހާތައް ޒުވާން ޖީލަށް ފޯރުކޮށްދިނުން

  • ސްކޫލް ނިންމާ ދަރިވަރުންނަކީ ގައުމިއްޔަތުދެކެ ލޯބިވާ ބަޔަކަށް ހެދުމަކީ އަމާޒެއް

ޝަހީދުންގެ ދުވަހާއި ގުޅުވައިގެން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ދަރިވަރުން އަލިރަސްގެފާން ޒިޔާރަތާ ގުޅޭ މަޢުލޫމާތު ހޯދައިފިއެވެ.

އަހުމަދިއްޔާ ސްކޫލްގެ ގްރޭޑް 7 ގެ ދަރިވަރުންވަނީ އަލިރަސްގެފާނު ޒިޔާރަތަށް ޒިޔާރަތްކޮށްފައެވެ.

މިޒިޔާރަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އަހްމަދިއްޔާ ސްކޫލްގެ ދިވެހި ޑިޕާޓްމަންޓްގެ ހެޑް މުހަންމަދު އާދަމް ސަލީމް ބުނީ ގައުމުގެ ތާރީޚީ ދުވަސްތަކުގެ ހަނދާން އައުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެއީ ގައުމުގެ މާޒީގެ ތެރެއަށް މިއަދުގެ ޖީލު ވަނުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ގައުމުގެ ތާރީޚަކީ ގައުމުގެ މާޒީ ކަމަށާއި ގައުމުގެ މާޒީއާއި ހަނދާންތައް ގައުމުގެ ޒުވާން ޖީލަށް ފޯރުކޮށްދިނުމަކީ ގައުމީ ފެންވަރުގައި ހުރިހާ އެންމެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ބުނީ، ބޭނުންވަނީ ދިވެހި ގައުމިއްޔަތުގެ ބަހާތައް ޒުވާން ޖީލަށް ވީހާވެސް ހެޔޮގޮތުގައި ފޯރުކޮށްދިނުން ކަމުގައެވެ.

"ބޭނުންވަނީ ދިވެހި ގައުމިއްޔަތުގެ ބަހާސްތައް ޒުވާންޖީލަށް ވީހާވެސް ހެޔޮގޮތުގައި ފޯރުކޮއްދިނުން." ސަލީމް ބުންޏެވެ.

ސަލީމް ވިދާޅުވީ އަހްމަދިއްޔާ ސްކޫލްގެ މަގްސަދަކީ ސްކޫލް ނިންމާ ނިކުންނަ ދަރިވަރުންނަކީ ގައުމިއްޔަތު ދެކެ ލޯބިވާ ރާއްޖޭގެ ތާރީޚް އެނގޭ ދިވެހި ބަހަށް އަހުލުވެރި ބައެއްގެ ގޮތުގައި ހެދުން ކަމަށެވެ. އެސްކޫލްގެ ފަރާތުން އަލިރަސްގެފާން ޒިޔާރަތަށް ޒިޔާރަތްކުރި ދަރިވަރުންވެސް ވަނީ ޝަހީދުންގެ ދުވަސްފަދަ ގައުމީ ތާރީޚީ ދުވަސްތަކުގެ ހަނދާން އާކުރުމަކީ ކޮންމެ މީހެއްވެސް އުފުލަންޖެހޭ ގައުމީ ޒިންމާއެއް ކަމުގައި ބުނެފައެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އެހެނިހެން ރަށްރަށުގެ މަގުތަކާއި ސަރުކާރުގެ އިމާރާތްތަކުގައި ގައުމީ ދިދަވަނީ ޖަހާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުގައި ދުވަހާއި ގުޅުވައިގެން ކުޑަކުދިންގެ ހަވީރުތަކާއި އިސްރަށްވެހިންގެ ހަރަކާތްތައް ބޭއްވުމުގެ އިތުރުން ސަރުކާރު އޮފީސްތަކުގެ މުއައްޒަފުންގެ މެދުގައި ދުވަހާއި ގުޅޭ ސުވާލު މުބާރާތެއްވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ އަންނަ ބުދަދުވަހުއެވެ.

ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ.