ރާއްޖެއަށް މިއަދު ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ފައިސަލް ވިދާޅުވީ މިއަދު ރާއްޖެއަށް 10213 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އަންނަ ދުވަސްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
Today marks a record setting day for Maldives tourism as we welcome 10,213 visitors. The highest number of tourist arrivals ever recorded on a single day!
— Ibrahim Faisal (@ifaisalofficial) February 11, 2024
My sincere gratitude goes out to all stakeholders of the industry for the incredible feat. #VisitMaldives
މިދުވަސްވަރު ރާއްޖެއަށްދަނީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުންނެވެ. އެގޮތުން މިމަހުގެ 3ވަނަ ދުވަހުވެސް ރާއްޖެއަށްވަނީ 8900 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ކޯވިޑް-19އަށް ފަހު ރާއްޖެއަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ.
މިހާތަނަށް އެއް ދުވަސްތެރޭ އެންމެގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ރެކޯޑްކުރެވިފައިވަނީ 2019 ގައެވެ. އެގޮތުން، އެއަހަރު އެއް ދުވަސް ތެރޭގައި 9000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް 236،730 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %13.7 އިތުރު އަދަދެކެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 208،162 ފަތުރުވެރިންނެވެ.
މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 6،398 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިޓަލީންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.
ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތަށް ބަލާއިރު އެޢަދަދު 2.3 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.