ޚަބަރު

ޣައްޒާ މައްސަލައިގައި އީރާނާއި އެމެރިކާއިން މަޝްވަރާ ކުރަނީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާ ކުރަމުންދާ ކަން އީރާނުން ހާމަކޮށްފިއެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި އެތަކެއް ފަހަރެއް މަތިން މެސެޖުތައް ބަދަލު ކޮށްފައިވާ ކަމުގައެވެ.

ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ކުރެއްވި ދަތުރުފުޅަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޢަބްދުއްލުހައްޔާނީ ވިދާޅުވީ އީރާނާއި އެމެރިކާއާ ދެމެދު ބަދަލު ކޮށްފައިވާ މެސެޖުތަކުގައި ޔަހޫދީންގެ ޢުދުވާނުގެ މައްސަލައިގެ އިތުރުން ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް ޙިޒްބުاللهއިން ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް ދެމުންދާ ޙަމަލާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ.

ޢަބްދުލްލުހައްޔާނީ ވިދާޅުވީ ޙިޒްބުاللهގެ ޙަމަލާތައް ހުއްޓުވުމަށް އެމެރިކާއިން އީރާނުގެ ކިބައިން އެދިފައިވާ ކަމުގައެވެ. އަދި ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ހަނގުރާމައެއް ނުފެށުމަށް ޙިޒްބުاللهއަށް އިރުޝާދު ދިނުމަށް އެދިފައިވާ ކަމުގައެވެ. ޙިޒްބުاللهއަކީ އީރާނުން ވާގިވެރިވާ 'އެކްސިސް އޮފް ރެސިސްޓެންސް'ގެ ބައިވެރިއެކެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޢައްޒާގައި ލާއިންސާނީ ޢުދުވާން ހިންގަން ފެށުމާ އެކު ޙިޒްބުاللهން ވަނީ އިސްރާއީލަށް ޙަމަލާ ދޭން ފަށާފައެވެ. ކޮންމެ ދުވަހަކު ވެސް ޔަހޫދީންގެ އުތުރުގައި އޮތް ރަށްތަކާއި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޔަހޫދީ ސިފައިންނަށް ޙިޒްބުاللهއިން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެއީ ޣައްޒާގައި ހިންގަމުންދާ ޢުދުވާންތައް ހުއްޓުމަށް ބާރު އެޅުމުގެ ގޮތުން ދެމުންދާ ޙަމަލާތަކެއް ކަމުގައި އެ ޖަމާޢަތުން ބުނެއެވެ. އަދި ލުބްނާނާ ދެކޮޅަށް ޔަހޫދީން ހަނގުރާމައެއް ފަށައިފިނަމަ އެންމެ ފަހު މީހާއާ ޖެހެންދެން ހަނގުރާމަ ކުރާނެ ކަމުގެ އިންޒާރު ވެސް އެ ޖަމާޢަތުން ވަނީ ދީފައެވެ.

ލުބްނާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމާ ދެކޮޅަށް ވެސް ޢަބްދުއްލުހައްޔާނީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ އެ ޤައުމާ ދެކޮޅަށް ޔަހޫދީން ހަނގުރާމަ އިޢުލާނު ކުރާ ދުވަހަކީ ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫގެ ފަހު ދުވަހަށް ވާނެ ކަމުގައެވެ.

"ހަނގުރާމައަކީ މި މައްސަލައަށް އޮތް ހައްލު ނޫން ކަން ލުބްނާނާއި އީރާނުން ވެސް ގަބޫލު ކުރަން. ޢައްޒާގައި ޔަހޫދީން ފަށާފައިވާ ޢުދުވާނާ ގުޅުވައި ސަރަޙައްދީ ހަނގުރާމައެއް ފެށުމަކީ އަޅުގަނޑުމެންގެ ގަސްދެއް ނޫން،" ލުބްނާނުގެ ޚާރިޖީ ވަޒީރު ޢަބްދުالله ބޫ ޙަބީބާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްލުހައްޔާނީ ވިދާޅުވިއެވެ. ޣައްޒާގެ ޢުދުވާންތަކަށް ނިމުމެއް ގެނެވޭނީ ސިޔާސީ ހައްލެއް ހޯދައިގެން ކަމަށާއި, މި ކަމާ ގުޅޭ ގޮތުން ސަޢޫދީ ޢަރަބިއްޔާއާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ލުބްނާނަށް ކުރެއްވި ދަތުރުފުޅުގައި ޢަބްދުއްލުހައްޔާނީ ވަނީ އެ ޤައުމުގެ ވަގުތީ ބޮޑުވަޒީރާއި ޚާރިޖީ ވަޒީރާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުރުން ޙިޒްބުالله ޖަމާޢަތުގެ އިސްވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهއާ ވެސް ބައްދަލު ކުރައްވައި, މަޝްވަރާތައް ބާއްވަވާފައެވެ. އޭނާ ދެން ވަޑައިގަންނަވާނީ ސޫރިޔާއަށެވެ.

ޢަބްދުއްލުހައްޔާނީ ލުބްނާނާއި ސޫރިޔާއަށް ދަތުރުފުޅެއް ފައްޓަވާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއިން ޢިރާޤާއި ސޫރިޔާއަށް ބޮން އަޅަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ކަމުގައި އެމެރިކާއިން ބުނި ނަމަވެސް, އެ ދެ ޤައުމުން ވެސް ވަނީ ޙަމަލާތަކުގައި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަން ހާމަކޮށްފައެވެ.