ޚަބަރު

އަތޮޅު ކައުންސިލެއްގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އިންތިޚާބުކޮށްފި


  • ޙައްވާ ޢަބްދުލްއަޒީޒު އިންތިޚާބު ކާމިޔާބު ކުރެއްވީ 941 ވޯޓުން

  • 3 ބައި-އިލެކްޝަނެއް އިއްޔެ ކުރިއަށްދިޔަ

  • 2 ބައި-އިލެކްޝަން ކާމިޔާބުކުރީ ކޮންގްރެސްއިން، އަނެއް ގޮނޑި އެމްޑީޕީއަށް

ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސްގެ ގޮނޑި އަންހެނަކު ކާމިޔާބު ކުރައްވައިފިއެވެ.

މިހާތަނަށް ބޭއްވި ކައުންސިލް ހުރިހާ އިންތިޚާބެއްގައި އަތޮޅުތަކުގެ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރަމުން އައީ ފިރިހެނުންނެވެ. ނަމަވެސް އިއްޔެ ބޭއްވި ފ.އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި، ފ. ނިލަންދޫ ، ފޮނިލުބޯގެ ޙައްވާ ޢަބްދުލްޢަޒީޒެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި އިލެކްޝަންގައި 1،881 މީހަކު ވޯޓުލާފައިވާއިރު ޙައްވާ ޢަބްދުލްޢަޒީޒް އެއިންތިޚާބު ކާމިޔާބު ކުރެއްވީ 941 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީން ކެންޑިޑޭޓް، އިބްރާހިމް ޚަލީލަށް ލިބިވަޑައިގެންނެވީ 888 ވޯޓެވެ.

އިއްޔެ އިލެކްޝަންސް ކޮމިޝަނުން ވަނީ ފ. އަތޮޅު ކައުންސިލްގެ އިތުރުން އިތުރު ދެ ބައި-އިލެކްޝަނެއްގެ ވޯޓުލުން ބާއްވާފައެވެ. އެއީ ވ. ފެލިދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށާއި ރ. ރަސްގެތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުގައި ވ. ފެލިދޫ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ކޮންގްރެސް ޕާޓީން ވާދަކުރެއްވި ހުސައިން ވިސާމެވެ. އޭނާއަށް 200 ވޯޓު ލިބުނުއިރު އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުއްޝަކޫރު އިބްރާހިމަށް ލިބުނީ 106 ވޯޓެވެ.

ރަސްގެތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ޙައްވާ އަލީއެވެ. އޭނާ އެއިންތިޚާބު ކާމިޔާބު ކުރެއްވީ 93 ވޯޓުންނެވެ. އެ ގޮނޑިއަށް ކޮންގްރެސް ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓް މަރްޔަމް ސުހާއަށް ލިބުނީ 86 ވޯޓެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން މާލެއާއެކު، ޖުމްލަ 8 ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައި-އިލެކްޝަންތަކުގައި 5،574 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު މީގެ ތެރެއިން، ވޯޓު ލާފައިވަނީ 2،388 މީހުންނެވެ.