ޚަބަރު

ރަށުގައި ތިބެ އުފައްދާ ތަކެތި ވިއްކާ އާމްދަނީ ހޯދޭނެ ގޮތް ހަދައިދޭނަން: ރައީސް


  • ރައީސް ވިދާޅުވީ ރިސޯޓްތައް ތަރައްޤީކޮށް، ސިނާޢީ ވަޒީފާ އިތުރުކުރައްވާނެކަމަށް

  • އަދި އަމިއްލަ ރަށުގައި ތިބެ އުފައްދާ ޕްރޮޑަކްޓްތައް ފަސޭހައިން ވިއްކޭނެ ގޮތް ހޯދައިދޭނެކަމަށް

  • ކުދި ވިޔަފާރިތައް އިތުކުރަން އެހީވުމަކީވެސް ސަރުކާރުގެ ޢަމާޒެއް

އަމިއްލަ ރަށުގައި ތިބެ އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ ޕްލެޓްފޯމެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ވަކި ރަށެއްގައި ހުރީތީ އަމިއްލައަށް އާމްދަނީ ހޯދުމުގެ ދޮރު ބަންދުނުވާނެކަމަށެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިހާރު ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ތ.ކިނބިދޫ، އުފާ، އާއިޝަތު ރައުނާ މުޙައްމަދު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރައުނާ ރައީސްއާ ސުވާލުކުރެއްވީ އަމިއްލަ ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ. ރައުނާ ބުނީ ރަށުގައި މަތީ ސާނަވީއާއި ހަމައަށް ތަޢުލީމުގެ ފުރުޞަތު ފަހިވި ނަމަވެސް ރަށުގައި ވަޒީފާގެ ފުރުޞަތު ނެތުމުގެ ސަބަބުން ވަޒީފާ ހޯދުމަށް ދާންޖެހެނީ ވެރިރަށް މާލެއަށް ކަމަށެވެ. އަމިއްލަ ރަށުގައި އާމްދަނީ ހޯދޭނެ ގޮތްތައް ނެތުމުގެ ސަބަބުން، ރަށުގެ ދިރިއުޅުން ދޫކޮށްލުމަށް މަޖުބޫރުވާކަމަށެވެ.

ރައުނާގެ ސުވާލަށް ޖަވާބުދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ތ.އަތޮޅުގައި އިޤްތިޞާދީ އަދި އާމްދަނީ ހޯދުމުގެ ފުރުޞަތުތައް މަދުކަން ޤަބޫލުކުރައްވާ ކަމަށެވެ. އެ ގޮތުން އެއަތޮޅުގައި މިހާރު އޮތީ އެންމެ ރިސޯޓެއް ކަމަށާއި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދެވުމަށް އެކި ގޮތްތަކުން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ގޮތުން އިތުތަށް ރިސޯޓްތައް ތަރައްޤީކުރުމާއި މަސްވެރިކަން އަދި ވަކިވަކި ފަރުދުންގެ ހުނަރުވެރިކަން ބޭނުންކޮށްގެން އުފައްދާ ތަކެތި ފަސޭހައިން ވިއްކޭނެ ޕްލެޓްފޯމެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ދިވެހިންތެރޭގައި ވަރަށް ފަނުވެރި އެކިކަހަލަ މަސައްކަތްތައް ކުރާ މީހުން އެބަތިބި ކަމަށާއި އެފަދަ މީހުން އަމިއްލަ ރަށުގައި ތިބިގެން ތަކެތި އުފެއްދުމުން އޮންލައިން ޕޭމަންޓް ގޭޓްވޭއެއްގެ ތެރެއިން އެ ތަކެތި މާކެޓްކޮށް ވިއްކޭނެ ގޮއްތައް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށެވެ.

"ކްރިއޭޓިވް އެކޮނޮމީގައި ކޮންމެ ތާކު ހުރެގެންވެސް މަސައްކަތްކުރެވޭނެ. އެކި ކަހަލަ ޓެލެންޓް ހުރި މީހުން އެބަތިބި. އެމީހުންނަށް އޮންލައިންކޮށް ތަކެތި ވިއްކާ މަރކެޓްކުރެވޭނޭ ނިޒާމެއް ޤާއިމުކުރުމަށް އެބަ މަސައްކަތް ކުރަން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޢަމަލީގޮތުން މަސައްކަތްތުގެ މައިދާނަށް ނިކުންނަށް ބޭނުންވާ ކުދިންނަށް، އަލަށް ތަރައްޤީކުރާ ރިސޯޓްތަކާއި އިޤްތިޞާދީ އެހެނިހެން ފުރުޞަތުތަކުގައި ބައިވެރިވެ ވަޒީފާގައި އުޅެވޭނެކަމަށެވެ. ރައީސް ވަނީ ސަރުކާރު އެ މަސައްކަތްތަކާއިމެދު ޒުވާނުން އުއްމީދު އައުކޮށް ކުރިއަށްދިއުމަށް ގޮވާލައްވާފައެވެ.

ރާއްޖޭގައި މީގެ ކުރިން އަޅާނުލެވި ދޫކޮށްލާ ޗާޓުން ބޭރުވެފައިވާ އަތޮޅުތަކަށް، ޚާއްސަ އިސްކަމެއްދީ އެކަން ބަދަލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.