ޚަބަރު

އިންތިޚާބަށް ކެންޑިޑޭޓުން ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރެއް ނުކުރާނަން: އީސީ


  • ފޯމު ހުށައެޅުމަށް ހުޅުވާލި މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހު

  • އިންތިޚާބު ފަސްކުރުމަށް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައި

  • އީސީން ވިދާޅުވީ އިންތިޚާބު ފަސްކުރިނަމަވެސް، ފޯމު ހުށައެޅުމުގެ މުއްދަތު އިތުރުނުކުރާނެކަމަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރިނަމަވެސް، އިންތިޚާބަށް ކުރިމަތިލުމަށް މިހާރު ދީފައިވާ މުއްދަތު އިތުރު ނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް މިހާރު ނިންމާފައި އޮތީ މާޗު މަހުގެ 17ވަނަ ދުވަހުއެވެ. ނަމަވެސް އިންތިޚާބު ފަސްކުރުމަށް އެދި މަޖިލީހަށް ލާފައިވާ މައްސަލައިގައި، ތަމަޟާންމަހުގެ ފަހަށް އިންތިޚަބު ބާއްވާ ތާރީޚް ފަސްކުރުމަށް ކޮމިޓީ މަރުހަލާގައި ވަނީ ފާސްކޮށްއެވެ. ނަމަވެސް ތާރީޚު ބަދަލުކުރެވޭނީ މުޅި މަޖިލީހުގައި ބަހުސްކޮށް، ވޯޓުން ފާސްވުމުންނެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ޖެނުއަރީ 30ވަނަ ދުވަހުއެވެ. މި މުއްދަތު އަންނަ ބުދަ ދުވަހުގެ 14:00އަށް ހަމަވާނެއެވެ. އިލެކްޝަންސް ކޮމިޝަންގެ ނަޢިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، މިހާތަނަށް އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށައަޅާފައިވަނީ ޖުމްލަ 18 މީހުންކަމަށެވެ.

އިންތިޚާބަށް ހުލުވާލުމަށް ފޯމު ހުށައެޅުމުގެ ކަންކަން ވީހާވެސް އަވަހަށް ކުރިއަށްގެންދިއުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ. ޙަބީބު ވިދާޅުވީ އެންމެ ފަހު ވަގުތުގައި ފޯމު ހުށަހަޅަން މަޑުކޮށްފިނަމަ، ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާޙް ކުރަން ޖެހިއްޖެ ހިނދެއްގައި އެ ފުރުޞަތު ނުލިބިދާނެކަމަށެވެ.

އިންތިޚާބަށް ފޯމު ހުށައެޅުމަށް ކޮމިޝަނުން އިޢުލާންކުރިތާ 12 ދުވަސްވެއްޖެއެވެ. ބާކީ އޮތީ 4 ދުވަހެވެ. ޙަބީބު ވިދާޅުވީ، އިންތިޚާބުގެ ތާރީޚަށް ބަދަލެއް އައިނަމަވެސް، ފޯމު ހުށަހެޅުމަށް މިހާރު އިލެކްޝަން ކޮމިޝަނުން ދީފައިވާ މުދަތު އިތުރުނުކުރުނާނެކަމަށެވެ.

އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ފޯމު ހުށައެޅޭނީ ދާއިރާއިން ކެންޑިޑޭޓަށް ތާޢީދުކުރާ 50 މީހުންގެ ސޮއާއެކުއެވެ. އިންތިޚާބަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ކުށާއި ދަރަނީގެ ރެކޯޑާއި އަދި އިންތިޚާބަށް ޚާއްސަކޮށް ހުޅުވާ އެކައުންޓްގެ ތަފްސީލް ފޯމާއެކު ހުށައަޅަންޖެހޭނެއެވެ.

އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށައެޅޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00އިން މެންދުފަހު 02:00އަށް، އިންތިޚާބާ ބެހޭ މަރުކަޒު ދަރުބާރުގެއަށެވެ. އީސީން ލަފާކުރާގޮތުގައި މިފަހަރުގެ އިންތިޚާބުގައި ވާދަކުރުމަށް 400-600 މީހުން ފޯމު ހުށައަޅާނެއެވެ.