އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ލެގޫންސް ސްޕޯޓްސް ކުލަބު ބަލިކޮށް، ސެމީ ފައިނަލުގެ ފަހު ޖާގަ ޓެންޓް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ޓެންޓުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޓެންޓުންނެވެ. މެޗު ފަށައިގެން ހަތްވަނަ މިނުޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ އިހުސާނެވެ. މި ލަނޑަށްފަހު ލެގޫންސްއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގައި އެ ޓީމުގެ ބިދޭސީ ފޯވާޑް ވްލަޑިސްލާފް ކޮރްމިޝިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މި މެޗުގައި ޓެންޓުން ލީޑު ފުޅާކުރީ މެޗުގެ 21 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އިހުސާނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 41 ވަނަ މިނިޓުގައި ޓެންޓުގެ ތިންވަނަ ލަނޑު ޖަހައިދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަޙްމަދު ރިލުވާނެވެ.
މި މެޗުގައި ލެނގޫސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން އައްސަދު އަލީ (އަޑޭ) އެވެ. އެކަަމަކު މެޗުގެ ފަހުކޮޅު އަޑޭއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އަދި މި މެޗުގައި ޓެންޓުގެ އޮފިޝަލަކަށްވެސް ވަނީ ރަތް ކާޑެއް ދައްކައި، ދަނޑުން ފޮނުވާލާފައެވެ.
މި މޮޅާއެކު އަންނަ އާދިއްތަ ދުވަހު ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޓެންޓް ވާދަކުރާނީ މަސްއޮޑި ސްޕޯޓްސް ކުލަބާއެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެ ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. މި މުބާރާތުގެ ފައިނަލް އޮންނަނީ މި މަހުގެ 16 ވަނަ ދުވަހެވެ.