ޚަބަރު

މެމްބަރުންގެ އަދަދު ގުނުމާއި ގުޅޭގޮތުން ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގައިފި


  • ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ބަންޑާރަ ނައިބު ހުށަހެޅި މައްސަލައަކާއި ގުޅިގެން

  • އަމަލުކުރުން މަޑުޖައްސާލަން އެންގީ މެމްބަރުންގެ ޖުމްލަ އަދަދު ގުނުމާއި ގުޅޭގޮތުން އޮތް މާއްދާއަކަށް

  • ބަންޑާރަ ނައިބު ވިދާޅުވީ މިއީ ޤާނޫނުއަސާސީއާ ހިލާފު އިސްލާތަކެއްކަމަށް

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމާއި ގުޅޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގާ، ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުއްވައިފިއެވެ.

މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެެރުއްވީ، އެ އިސްލާހުތަކަކީ ޤާނޫނުއަސާސީއާ ހިލާފު އިސްލާހުތަކެއްކަމަށް ވިދާޅުވެ، ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެނެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު މަޖިލީހުގެ ގަވާއިދުގެ 49 ވަނަ ކ، އ އަދި ވ އަށް އިސްލާހުތަކެއް ގެނައުމާއި ހަމައަށް، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ބަލާފައިވަނީ ހުސްވެފައިވާ ގޮނޑިތައްވެސް ހިމަނައިގެން، މަޖިލީހަށް އިންތިހާބުކުރާ ޖުމްލަ މެމްބަރުންގެ އަދަދަށެވެ. ނަމަވެސް ޤަވާއިދަށް ގެނައި އިސްލާހުތަކުގައި މިހާރު ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެ ވަގުތު މަޖިލީހުގެ މެމްބަރުންކަމުގައި ދެމިތިބި މެމްބަރުންގެ ޖުމްލަ އަދަދަށްކަމަށެވެ. އަދި މެމްބަރުންގެ ޖުމްލަ އަދަދު ގުނުމުގައި މަޖިލީހުން ހުސްވެފައިވާ އެއްވެސް އިންތިހާބީ ދާއިރާއެއް ނުގުނޭނެކަމަށްވެސް އިސްލާހުގައިވެއެވެ.

މަޖިލީހުގެ ގަވާއިދަށް މި އިސްލާހުތައް ގެނެސްފައި ވަނީ 87 މެމްބަރުން ހިމެނޭ މަޖިލީހުގެ 7 ގޮނޑިއެއް ހުސްވެފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން މި އިސްލާހުތަކުގެ ސަބަބުން މަޖިލީހުގައި ނަގާ ވޯޓްތައް ފާސްކުރުމަށް ބޭނުންވާ އަދަދުތަކަށްވެސް ބަދަލު އަންނާނެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރަން މީގެކުރިން 58 މެމްބަރުންގެ ވޯޓު ބޭނުންވިޔަސް، ގަވާއިދަށް ގެނައި އިސްލާހާއެކު އެ އަދަދު މިހާރު 54 އަށް ދަށްވެފައެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކާއި ގުޅިގެން ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ "މަޖިލީހުގެ ޖުމްލަ މެންބަރުން" މި ޢިބާރާތަށް ދީފައިވާ މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު މާނަކުރުމެއް ކަމަށެވެ. އަދި މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ގެނައި އިޞްލާޙު ބާޠިލުކުރުމަށް އެ މައްސަލައިގައި އެދިފައިވެއެވެ. މީގެއިތުރުން ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގާ ވަގުތީ އަމުރެއް ނެރެދެއްވުމަށްވެސް ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް މިދިޔަމަހުގެ 30 ވަނަ ދުވަހު ހުށަހެޅި ދުސްތޫރީ މައްސަލައިގައި އެދިފައެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލަ ބައްލަވަނީ އެ ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ. އަދި ބަންޑާރަ ނައިބު އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް މިހާރު ވަނީ ނެރުއްވާފައެވެ.

މައްސަލަ ބައްލަވާ 5 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރުންގެ އަޤްލަބިއްޔުން ނެރުއްވި ރައުޔުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މި މައްސަލައަކީ ދުސްތޫރީ ބަހުސެއް އުފެދޭ މައްސަލައެއްކަމާއި މަޖިލިހުގެ ގަވާއިދަކުން ވިޔަސް ޤާނޫނުއަސާސީއާ ޚިލާފަށް ޢަމަލުނުކުރެވޭނެކަމާއި، މި މައްސަލައިގައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފިނަމަ މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑުމުގެ އިހުތިމާލު އޮތުން ހިމެނެއެވެ.

އަދި ބަންޑާ ނައިބު ހުށަހަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ދަށުން ޢަމަލުކުރަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ތުހުމަތު ކުރާ ހާލަތުގައ،ި އެ އިސްލާހުތަކަށް މިވަގުތު ޢަމަލުކުރުން މަޑުޖައްސަންޖެހޭކަންވެސް ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމާއި ހަމައަށް ނުވަތަ ކޯޓުން އެ ނޫންގޮތަކަށް އަންގަންދެން ފެށިނީއްސުރެ ރައްޔިތުންގެ މަޖިލީހުން ޢަމަލުކުރަމުންދިޔަ ގޮތް ދެމިއޮންނަންޖެހޭ ކަމުގައި ދެކޭކަމަށާއި، މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއްކަމަށްވެސް ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ، އ އަދި ވ އަށް ގެނެސްފައިވާ އިޞްލާޙުތަކަށް މިވަގުތަށް ޢަމަލު ނުކުރުމަށް މި މައްސަލަ ބަލާ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލިހަށް އަންގާކަމަށް ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގައި ބަޔާންކޮށްފައިވެއެވެ.