ޚަބަރު

ކައުންސިލްތަކުން އާމްދަނީ ހޯދުމަށް ސަރުކާރުން އެއްބާރުލުން ދޭނެ: ރައީސް


  • ކައުންސިލުން ވަނީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ހިއްސާކުރައްވާފައި

  • ރައީސް އެދިވަޑައިގަތީ ރަށަށް އެންމެ މުހިންމު ކަންކަން ތަރުތީބު ކޮށްލެއްވުމަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު އޮމަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު އޮމަދޫ ފެނަކަ އޮފީސް އިމާރާތުގައެވެ.

މިބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ސްކޫލުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ތަފުޞީލީ ގޮތެއްގައި ހިއްސާކުރެއްވިއެވެ. އަދި އަންހެން ކަނބަލުންނަށް ޚާއްޞަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ފޯރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ އަހަރެއްގެވެސް ބަޖެޓުގައި ހިމެނޭކަން ކޮށްދެއްވުމަށާއި، މިހާރު ފަށާފައިހުރި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

އޮމަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް އެކޮމިޓީގެ ކަންބޮޑުވުންތަކާއި، އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. ކޮމިޓީންވަނީ ބަޖެޓުގެ ދަތިކަން ހުރުމުން ރަށުގައި ހިންގަން ބޭނުންވާ ކަންކަން ހިންގުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ ރަށަށް އެންމެ މުހިންމު ވާނެ ކަންކަން ތަރުތީބު ކޮށްލެއްވުމަށްފަހު އެމަނިކުފާނަށް ހުށަހެޅުއްވުމަށެވެ. ހަމައެއާއެކު ކަމާ ގުޅޭ މުއައްސަސާތަކާއެކު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކުރެއްވުމަށް މަސައްކަތް ކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ހޯދުމުގައި މިސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ހަމައެއާއެކު ކައުންސިލްތަކުން އާމްދަނީ ހޯދުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައި ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރެއްވުމަށް ރައީސް އިރުޝާދުދެއްވިއެވެ.