މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލުން ނައިޖީރިއާ އާއި އައިވަރީ ކޯސްޓް ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލަށް އައިވަރީ ކޯސްޓް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ކޮންގޯ 1-0 އިން ބަލިކޮށްގެންނެވެ. އައިވަރީ ކޯސްޓްގެ ހަމައެކަނި ލަނޑު، މެޗުގެ 65 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސަބެސްޓިއަން އަލެއާ އެވެ.
އައިވަރީ ކޯސްޓުން މިފަހަރުގެ އޭޝިއަން ކަޕް ފެށީ ދަށްކޮށެވެ. އެއާއެކު އެ ޓީމުގެ ކޯޗު ޖީން ލުއިސް-ގަސޭ ވަކިކުރިއެވެ. އެ ޓީމުގެ ކޯޗުކަން ދެން ކޮށްފައިވަނީ އިންޓަރިމް ކޯޗެއްގެ ގޮތު ހަވާލުވެހުރީ، އެމާސް ފައޭ އެވެ. ނޮކައުޓު ބުރުގައި އައިވަރީ ކޯސްޓް ވަނީ ޗެމްޕިއަން ސެނެގާލް އާއި މާލީ ބަލިކޮށްފައެވެ.
ނައިޖީރިއާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ދެކުނު އެފްރިކާ އާއި ވާދަކޮށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނައިޖީރިއާ އިން ވިލިއަމް ޕައުލް ޓްރޫސްޓް އެކޮންގެ ޕެނަލްޓީން ލީޑުނެގިއިރު، ދެކުނު އެފްރިކާ އިން އެއްވަރުކުރީ ޓެބޯހޯ މޮކޮއޭނާ އިތުރު ވަގުތުގައި ޖެހި ޕެނަލްޓީންނެވެ.
ނަތީޖާ ނެގެން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ނައިޖީރިއާ އިން ފަސް ޕެނަލްޓީ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. ދެކުނު އެފްރިކާ އިން ހަތަރު ޕެނަލްޓީ ތެރެއިން ކާމިޔާބުވީ ދެ ޕެނަލްޓީ އެވެ.
ނައިޖީރިއާ އިން ޖެހި ޕެނަލްޓީތައް ކާމިޔާބުކުރީ، އިގޯބޯ މޮފީ، ކެެނެތު އޮމެރުއޯ، ޓްރޫސްޓް އެކޮން އަދި ކެލެޗީ އިހެނާޗޯ އެވެ. ނާކާމިޔާބުވީ އެ ޓީމުގެ އޮލާ އައިނީގެ ޕެނަލްޓީ އެވެ. ދެކުނު އެފްރިކާގެ މޮކޮއޭނާ އާއި އެވިޑެންސް މަގްކޮޕާ ގެ ޕެނަލްޓީވެސް ބޭކާރުވިއެވެ،
ނައިޖީރިއާ ވަނީ ތިން ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައެވެ. އެ ޓީމު އެންމެ ފަހުން ތަށި އުފުލާލީ 2013 ވަނަ އަހަރު އެވެ. އަދި 2019 ގައި މުބާރާތުގެ ތިންވަނަ މަޤާމުވެސް ހޯދިއެވެ.
އައިވަރީ ކޯސްޓާއި ނައިޖީރިއާ ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މި މަހު 11 ވަނަ ދުވަހު އެވެ