މުއައްސަސާތަކާއި މަޝްވަރާކޮށްގެން، ތ.ކަނޑޫދޫ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނެސްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ކޮޅުމަޑުލު ކަނޑޫދޫގެ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް އިދާރާއިން ވަނީ ހެލްތް ސެންޓަރަށް ބޭނުންވާ ޚިދުމަތްތަކާއި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. މީގެއިތުރުން ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ކުރިމަތިވާ ދަތިތަކާއި، ބަނދަރު ހަލާކުވަމުންދާތީ ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރައްވާފައެވެ. މީގެއިތުރުން ރަށަށް އޭ.ޓީ.އެމް އެއް ބޭނުންވާކަމަށާއި، ރަށުގެ ފަޅުގައި އެއާޕޯޓެއް ހެދުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަންހުރުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތްކުރައްވައި، އެކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކަނޑޫދޫއަށް މިކުރައްވާ ދަތުރުފުޅަކީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ތިންދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ދެވަނަ މަންޒިލެއްގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.