ސަޢުދީ ޢަރަބިއްޔާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ޙައްޖު މޫސުމުގައި ޙާޖީންނަށް އެހީތެރިވުމަށް ޙައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިދިޔަ މަހު ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޙައްޖު މޫސުމުގައި ސަޢޫދީ ޢަރަބިއްޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން ޙާޖީންނަށް އެހީތެރިވެވޭނެ ގޮތް ހަމަޖެއްސުމާ ގުޅޭގޮތުން އެ ޤައުމުގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީއާއެކު މަޝްވަރާކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން ޙައްޖު މޫސުމުގައި ޙާޖީންނަށް އެހީތެރިވުމަށް ޙައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށެހެޅުން އެ ޤައުމުގެ ހައްޖު ވުޒާރާއިން އެއްބަސްވެފައިވާކަމަށެވެ. އަދި މި އަހަރުގެ ޙައްޖުގައި އެކަން އެ ގޮތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަން ރަސްމީކޮށް އަންގަވާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދިވެހި ޙާޖީންނަށް އެހީތެރިވުމަށް ސަޢުދީ ޢަރަބިއްޔާގައި ތިބި ދިވެހި ދަރިވަރުންނަށް ފުރުޞަތު ލިބުމަކީ ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ލުއިފަސޭހަކަން ލިބޭނެ ކަމެއް ކަމަށެވެ. ދިވެހި ޙާޖީންނަށް އެހީތެރިވުމަށް ސަޢުދީ ޢަރަބިއްޔާގައި ތިބި ދިވެހި ދަރިވަރުންނަށް ފުރުޞަތު ހޯދައިދިނުމަށް އެކި ސަރުކާރުތަކުން ވެސް މަސައްކަތް ކުރި ކަމަށާއި މި ފަހަރު އެ ފުރުޞަތު ލިބުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޙާޖީންނަށް އެހީތެރިވުމަށް ދަރިވަރުން ހަމަޖެއްސުމުގެ މަސައްކަތްކުރައްވާނީ އެ ވުޒާރާއިން ކަމަށާއި ދަރިވަރުންނަށް ޙައްޖުވުމުގެ ފުރުޞަތު ވެސް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިސާލަކަށް ބަހުގައި ދަތުރުކުރާއިރު ޢަރަބި ބަސް ދަންނަ މީހުން ތިބުމުން ފަސޭހަވާނެ. ބަސް ވަކި ތަނަކަށް ހުއްޓިގެން އެ ތަނުގައި އަރަބި ބަސް ދަންނަ މީހަކު ނެތުމުން މުޢާމަލާތް ކުރުމަށް ބައެއް ފަހަރު ދަތިތަކާ ކުރިމަތިލާން ޖެހޭ. ހަޤީޤަތުގައި ވަރަށް ރަނގަޅު ފުރުޞަތެއް މިއީ." ވަޒީރު ވިދާޅުވިއެވެ.
ސަޢުދީ ޢަރަބިއްޔާގައި ދިވެހި ގިނަ ދަރިވަރުންތަކެއް ކިޔަވަން ތިބި ނަމަވެސް ކޮންމެ އަހަރަކު ޙައްޖުވުމުގެ ފުރުޞަތެއް އެ ކުދިންނަކަށް ނުލިބޭނެއެވެ. އެ ދަރިވަރުންނަށް ޙައްޖުވުމުގެ ފުރުޞަތު ލިބެނީ ކޮންމެ 5 އަހަރަކުން 1 އަހަރެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރަާއްޖެއަށް ދޭ ރަސްމީ ޙައްޖު ކޯޓާގެ ޢަދަދު އިތުުރުކުރުމަށް ވެސް މަޝްވަރާކޮށްފައެވެ. އަދި މިނާއާއި ޢަރަފާތާއި މުޒްދަލިފާގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި ގުޅޭ ފަހުމްނާމާއެއްގައި ވެސް ސޮއިކުރައްވާފައިވެއެވެ.