ޚަބަރު

ދޮންއަދަރާދަ ހިނގުމުގެ މަތިން ޕެޑްވޭ ބުރިޖެއް އަޅަނީ


  • މަގުގެ މަތިން ޕެޑްވޭ ބުރިޖެއް އަޅަނީ މަގުގެ ދެ ފަރާތުގައި އޮންނަ ދެ ކޮންޕައުންޑް ގުޅުވާލުމަށް

  • ބުރިޖު އަޅާނީ، ބުރިޖުގެ ދަށުން ފަޔަރޓްރަކަކަށް ދެވޭ ވަރަށް އުސްކޮށް

  • މަގު އަލުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތް ފެށީ ޑިސެންބަރ 18ގައި، އަދި މިމަހު ހުޅުވާލާނެ

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލުމުގެ މަސައްކަތުގެ ދަށުން އެ މަގުގެ މަތިން ޕެޑްވޭ ބުރިޖެއް އެޅުމަށް ނިންމައިފިއެވެ.

ދޮންއަދަރާދަ ހިނގުން ބަންދުކުރީ ސްޓެލްކޯގެ ބޭނުމަށް މީގެ އަހަރުތަކެއް ކުރިންނެވެ. އެ މަގު ބަންދުކުރީ އެ ކުންފުންޏަށް ބިމުގެ ދަތިކަން އޮތުމުންނެވެ.

ދޮންއަދަރާދަ ހިނގުން ހުޅުވާލުމުން އެ މަގުގެ ދެ ފަރާތުގައި ސްޓެލްކޯގެ ކޮންޕައުންޑެއް އޮންނާނެއެވެ. ސްޓެލްކޯއިން ބުނީ ދެ ކޮންޕައުންޑް ގުޅުވާލުމަށް މަގެއްގެ ދެ ފަރާތުގައި ހުންނަ ދެ ޢިމާރަތް ގުޅުވުމަށް އަޅައި ޕެޑްވޭއެއް އަޅާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ ދޮންއަދަރާދަ ހިނގުން ހުޅުވާލުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށެވެ. އެ ގޮތުން މަގުގައި ގައު އެޅުމުގެ މަސައްކަތް މިހާރު އެއްކޮށް ވަނީ ނިންމާލާފައެވެ. އަދި މިހާރު ކުރަމުންދަނީ ޕެޑްވޭގެ މަސައްކަތް ކަމަށާއި ޕްޑްވޭ އަޅާނީ އޭގެ ދަށުން އަލިފާން ނިވާ ލޮރޯއަށް ދެވޭވަރަށް އުސްމިން ބަހައްޓާއިގެންކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ މީގެ ކުރިން ވިދާޅުވެފައިވަނީ މަގު ހުޅުވާލުމަށް ނިންމީ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ލުއިތަކެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ވެސް ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ހުރި ކަންކަން ވީހާވެސް އަވަހަކަށް ޙައްލުކޮށްދެއްވުންކަން މީގެ ކުރިން ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

ދޮންއަދަރާދަ ހިނގުމަކީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގާއި ހުރަހަށްވާ ގޮތަށް އޮންނަ މަގެކެވެ. އެ މަގުގައި ސްޓެލްކޯގެ 17 އިންޖީނެއް ހިންގަމުން ދިޔައެވެ. ނަމަވެސް އެ އިންޖީނުތައް މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ ސްޓެލްކޯއިންނެވެ. އެހެންނަމަވެސް، އެ ތަނުގައި ހުރި އިންޖީނުތައް ބެހެއްޓުމަށް އަޅާފައިވާ ކޮންކްރީޓު ޝީޓުތައް ތަޅާލުމަށް އެމްޓީސީސީގެ އެހީތެރިކަން ވަނީ ހޯދާފައެވެ.

ދޮންއަދަރާދަ ހިނގުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ސްޓެލްކޯއިން ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ޖެނުއަރީ މަހުގެ ނިޔަލަށް މަގު ހުޅުވާލުމަށް މީގެ ކުރިން ސްޓެލްކޯއިން އަމާޒުހިފި ނަމަވެސް އެ ކުންފުނިން މިހާރު ބުނެފައިވަނީ މި މަހުގެ ތެރޭގައި މަގު ހުޅުވާލާނެ ކަމަށެވެ.