ޚަބަރު

ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް މަޖިލީހަށް ހުށަހަޅުއްވައިފި


  • ރައީސް ވަނީ 3 ބޭފުޅެއްގެ ނަން ހުށަހަޅުއްވާފައި

  • މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައި

ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުން ހުޅުވާލި ފުރުޞަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ތިން ބޭފުޅެއްގެ ނަން ހުށަހަޅުއްވާފައެވެ. އެއީ:

ދަފްތަރު ނަންބަރު ރސ، 7505 އަބްދުލް ހަސީބު އިސްމާއިލް
ދަފްތަރު ނަންބަރު ރސ، 9472 ފާތިމަތު ހަބީބާ
މއ. ފޮރެސްޓް، މަރިޔަމް ޝާހިދާ

މަޖިލީހުގެ ރިޔާސަތުން ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރައްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރައްވަނީ އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ. އެ މަޤާމަށް ކުރިމަތިލުމަށް ސަރުކާރުން ފުރުޞަތު ހުޅުވާލެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި ތިއްބަވަނީ ރައީސްއާއި ނައިބު ރައީސްގެ އިތުރުން 3 މެންބަރުންނެވެ. މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިހާއި ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދާއި ކޮމިޝަންގެ 2 މެންބަރުން ކަމުގައިވާ މުޙައްމަދު ފަރުޞަތާއި ފާތުމަތު ޝަރީފެވެ.