ޚަބަރު

ވޭމަންޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ރައީސް


  • ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ތ. ވޭމަންޑޫ ކައުންސިލް އިދާރާގައި

  • ވޭމަންޑޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސްއާ ޙިއްޞާކުރައްވާފައިވޭ

  • އތމ ކޮމިޓީންވެސް ވަނީ އެކޮމިޓީގެ ކަންބޮޑުވުންތައް ފާހަގަކޮށްފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރޭ ތ. ވޭމަންޑޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށަށް ބޭނުންވެފައިވާ ކަންތައްތަކާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ބައެއް ގޮންޖެހުންތަކާއި، ވޭމަންޑޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ޒުވާނުންނަށް ކުޅިވަރާއި ކަސްރަތަށް ބޭނުންވާ ބައެއް ކަންކަން ތަފުސީލީ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ވޭމަންޑޫގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހުރިކަމާއި، ޕޮލިސް ސްޓޭޝަން ހެދުމުގެ މަޝްރޫޢު ކުރިއަށް ނުދިއުމާއި، ރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުންވަނީ ވޭމަންޑޫގެ މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދުމަށްޓަކައި އައިސް ޕްލާންޓެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވޭމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ ބައެއް ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ރަށުގައި ކުޑަކުދިންގެ ޕާކެއް ނެތުމާއި، ކަނބަލުންނަށް ރަށުގައި ކުޅިވަރުކުޅެވޭނެ ފުރުޞަތު ހަނިވުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކޮމިޓީގެ ބަޖެޓު ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް މި ބައްދަލުވުމުގައި ވޭމަންޑޫ އ.ތ.މ.ކޮމިޓީން ފާހަގަކުރެއްވިއެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކުރެއްވުމަށް ކުރެއްވެންހުރި ކަންކަން ބައްލަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވޭމަންޑޫއަކީ ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ފެއްޓެވި 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ހަތަރުވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.