ޚަބަރު

ކުރިއަށް އޮތީ ދަތި 3 މަސް ނަމަވެސް މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނަން: ރައީސް


  • އިޤްތިޞާދީ ހާލަތު ރަނގަޅުކުރަން ގިނަ މަސައްކަތްތައް ކުރެވެމުންދާ ކަމަށް

  • ކުރިއަށް އޮތީ ދަތި 3 މަސް ނަމަވެސް ޖުލައިގެ ފަހުން ފަސޭހަވާނެ ކަމަށް

ކުރިއަށް އޮތް 3 މަހަކީ އިޤްތިޞާދީ ގޮތުން ދަތި ދުވަސްތަކެއް ނަމަވެސް ރައްޔިތުން ބޭނުންވާ ތަރައްޤީގެ ކަންކަން ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ތ.ގުރައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ ހާލަތު އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ. އަދި މިހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އެކަމަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ އިޤްތިސާދު އޮތީ ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށްގޮސްފައި ކަމަށެވެ.

" ދުވަހަކުވެސް ރާއްޖޭގެ އިޤްތިސާދު ވައްޓާނުލާ ވަރުގެ އަނދަވަޅަކަށްވަނީ ވައްޓާލާފައި، އެކަން ވަރަށް ތަފްސީލްކޮށް އިއްޔެގެ ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރިން، އޭގެން އަރައިގަތުމަށް، ރައްޔިތުންނާއި ކުދި ވިޔަފާރިތައް ފުޅާކުރުމަށް މަސައްކަތްތައް ފަށާފައިވަނީ،" ރައީސް ވިދާޅުވިއެވެ.

ރަށްރަށަށް ބޭނުންވާ ތަރައްޤީގެ ހުރިހާ މަޝްރޫޢުތައް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވި ނަމަވެސް މިހާރުގެ އިޤްތިސާދީ ހާލަތަށް ބަލާ މަޝްރޫޢުތައް ވަކި ތަރުތީބަކުން ކުރިއަށް ގެންދަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އިޤްތިޞާދު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، މިއަހަރުގެ ޖުލައިމަހުން ފެށިގެން އިޤްތިސާދީގޮތުން ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

" ކުރިއަށް އޮތް ދެތިން މަސް ދުވަސް އެންމެ އުނދަގުލީ، އާމްދަނީ ހޯދުމުގެ ކަންކަން ވަރުގަދަ ކުރުމަށް ނިންމާފައިވާ ދަނޑިވަޅުގައި، އެންމެ ހައްސާސް ވަގުތުމީ، ކުރަން ނިންމާފައިވާ ކަންތައްތައް ކުރުމުގައި މި ބީދައިން ކަންތައްތައްކޮށްފި ނަމަ، ޖުލައިގެ ފަހަށް ވަރަށް ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންތިހޚާބާ ދިމާކޮށް، ޤައުމުގެ އިޤްތިޞާދީ ހާލަތަށް ނުބަލާ މަޝްރޫޢުތައް ފެއްޓެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، ބޭނުންވަނީ ހަޤީޤީ މާނައިގައި ތަރައްޤީ ގެނެސްދިނުމަށް ކަމަށެވެ.

"އިންތިޚާބެއް ކުރިއަށް އޮތީމަ މި ދެންނެވި ހަޤީގަތްތައް އެއީ ހަޤީގަތް ނޫން ކަމަށް ބަލާ، ކުރީގައި އާއްމުކޮށް ފެންނަ ބީދައިން ކަޑަ ޖަހައިފިއްޔާ އެ ނުވާނެ، ނަތީޖާ ނުކުންނާނެ ކަމަކަށް، ހަޤީޤީ މާނައިގަ ތަރައްޤީ ގެންނަން ބޭނުންވަނީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ހާލަތުން އަރައިގަތުމަށް ބޭރުގެ އެހީދޭ ޖަމިއްޔާތަކާއި ބޭރުގެ އެކި ޤައުމުތަކާއެކު މަޝްވަރާތައް ކުރެވި، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.